Last Updated: April 16, 20:04
Tuesday, April 16, 2024
ދުނިޔެ

ރަޝިޔާގެ ސަރުކާރު އިސްތިއުފާ ދީފި

ރަޝިޔާގެ ސަރުކާރު އިސްތިއުފާ ދީފިއެވެ.

ރަޝިއާގެ ސަރުކާރު އިސްތިއުފާ ދެއްވާފައިމިވަނީ އެގައުމުގެ ގާނޫނު އަސާސީ އަށް ބަދަލުތަކެއް ގެންނަވަންޖެހޭކަން އެގައުމުގެ ރައީސް ޕޫޓިން އިއުލާން ކުރެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

ރަޝިޔާގެ ސަރުކާރު އިސްތިއުފާ ދެއްވާފައިވާކަން އިއުލާން ކުރެއްވީ އެގައުމުގެ ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑޭވް އެވެ. އޭނާ އަށް މިހާރު ވަނީ އެގައުމުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އިސް މަގާމެއް ދެއްވާފައެވެ.

މެޑްވެޑޭވް ވިދާޅުވީ ސަރުކާރު އިސްތިއުފާ ދެއްވީ ގާނޫނު އަސާސީ އަށް ޕޫޓިން ގެންނަވަން ބޭނުންވާ ބަދަލުތަކަށް ޖާގަ ދެއްވުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ސަރުކާރު އިސްތިއުފާ ދެއްވި ނަމަވެސް އާ ސަރުކާރެއް އެކުލަވާލެވެންދެން ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަގުތީ ގޮތުން މަސައްކަތް ކުރައްވަން ޕޫޓިން އަންގަވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ ގާނޫނު އަސާސީ އަށް ގެންނަ ބަދަލުތަކުން ދެން އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އަންނަ ބޭފުޅަކާއި އަދި ކެބިނެޓް މިނިސްޓަރުންނަށް ވެސް އިތުރު ބާރުތަކެއް ލިބިގެންދާނެ ކަމަށެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ގާނޫނު އަސާސީ އަށް ޕޫޓިން ބަދަލުތަކެއް ގެންނަން އުޅުއްވަނީ ވެރިކަމުގައި އިތުރު އަހަރުތަކަކަށް ހުންނެވުމުގެ ބޭނުމުގައެވެ. އެގޮތުން ޕޫޓިންގެ ރައީސް ކަމުގެ ދައުރު 2024 ވަނަ އަހަރު ހަމަވާއިރު ރަޝިއާގެ ގާނޫނުތައް ބުނާގޮތުން އޭނާ އަށް ދެން އިތުރު ދައުރަކަށް ކުރިމަތި ނުލެއްވޭނެއެވެ.

ރަޝިއާގެ ރައީސް ކަމުގެ މަގާމުގައި 2000 ވަނަ އަހަރުން ފެށިގެން ހުންނަވަނީ ޕޫޓިން އެވެ.