Last Updated: March 28, 14:17
Thursday, March 28, 2024
ދުނިޔެ

ޓްރަމްޕްގެ އިމްޕީޗްމަންޓް ޝަރީއަތް ސެނެޓްގައި ފަށަން ތައްޔާރުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމްޕީޗްމަންޓް ނުވަތަ މަގާމުން ދުރުކުރުމުގެ ޝަރީއަތް ސެނެޓުގައި ފަށަން ތައްޔާރުވެއްޖެއެވެ.

ޓްރަމްޕް މަގާމުން ދުރުކުރަން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެޖޯރިޓީ އޮންނަ އެމެރިކާގެ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރިޕްރެޒެންޓޭޓިވް އިން މިދިޔަ މަހު ވަނީ ފާސްކޮށްފައެވެ. އެމެރިކާގެ ރައީސަކު މަގާމުން ދުރުކުރެވޭނީ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮންނަ ސެނެޓުގައި ހިންގާ ޝަރީއަތުގައި ތިންބައިކުޅަ ދެބައިގެ ވޯޓު ލިބިގެންނެވެ.

އެގޮތުން ސެނެޓުގައި މި ޝަރީއަތް ފެށުމުގެ ގޮތުން އިއްޔެ ވަނީ ސެނެޓުގައި ހިމެނިވަޑައިގަންނަވާ 100 މެމްބަރުންނާއި އަދި ޝަރީއަތް ކުރިއަށް ގެންދަވާ އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް ހުވާ ކުރައްވާފައެވެ. ޝަރީއަތުގެ މަރުހަލާ ސެނެޓުގައި ފަށާނީ އަންނަ އަންގާރަ ދުވަހުއެވެ.

ޓްރަމްޕް މަގާމުން ދުރުކުރުމަށް އެމެރިކާގެ ތިރިގެއިން ފާސްކުރީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވުމާއި ކޮންގްރެސްގެ މަސައްކަތްތަކަށް ހުރަސް އެޅުއްވުމުގެ ކުށުގައެވެ.

ޓްރަމްޕްގެ އިތުރުން މީގެކުރިން އެމެރިކާގެ ތިރިގެއިން ވަނީ އެ ގައުމުގެ އިތުރު ދެ ރައީސަކު ވެސް މަގާމުން ދުރުކުރަން ފާސްކޮށްފައެވެ. އެއީ އެންޑްރޫ ޖޯންސަންސް އާއި ބިލް ކްލިންޓަން އެވެ. ނަމަވެސް ސެނެޓާ ހިސާބުން އެ ދެ ބޭފުޅުން ވެސް ވަނީ ސަލާމަތްވެ ވަޑައިގެންފައެވެ.

ސެނެޓުގައި ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮތުމާއެކު އޭނާ ވެސް މި ޝަރީއަތުން ސަލާމަތްވެ ވަޑައިގެން މަގާމުގައި ދެމި ހުންނަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެގޮތުން ސެނެޓުގައި ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ 53 މެމްބަރުން ތިއްބަވާއިރު ޑިމޮކްރެޓިކް ޕާޓީގެ ތިއްބަވަނީ 45 މެމްބަރުންނެވެ. ދެން ތިއްބަވަނީ މިިނިވަން ދެ މެމްބަރުންނެވެ.