Last Updated: April 18, 16:36
Thursday, April 18, 2024
ޚަބަރު

"ރައްޔިތުން ބަލައިގަންނަނީ އެމްޑީޕީ އާއި ޕީޕީއެމް، ދެން ތިބީ މާލޫދު ޕާޓީތައް"

ރައްޔިތުން ބަލައިގަންނަނީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށާއި ދެން ތިބީ މާލޫދު ޕާޓީތަކެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ރައްޔިތުން ބަލައިގަންނަ އަދި ވަރުގަދަކޮށް އޮތީ ދެ ޕާޓީ ކަމަށާއި ދެން ތިބީ މާލޫދު ކަހަލަ ޕާޓީތަކެއް ކަމަށެވެ.

"އެ ޕާޓީތަކަށް ވާނެ ގޮތަކީ ރަބިއުލްއައްވަލު މަހުގެ 12 އާއި، ރަބިއުލްއައްވަލު މަހުގެ އެކަކާއި، މިކިޔާ ދުވަސްތައް އަންނައިރު ވަރަށް ގިނަ މާލޫދު ލިބޭނެ" އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފިކުރު މިހާރު ރާއްޖޭގައި ނެތް ކަމަށާއި ޕީޕީއެމް އުފެއްދިއިރު އެ ފިކުރު ރާއްޖޭގައި އޮތް ކަމަށެވެ.

އަދި މައުމޫންގެ އަތްޕުޅުން ޕީޕީއެމް "ޖަހައިގަތީ" ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި އަސްލެއް ނެތް ކަމަށާއި އެ ކަންކަން ކުރިއަށްދިޔައީ ކޯޓުން އެންގި ގޮތަށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އެގޮތުން ކޯޓުން އެންގީ ކޮންގްރެސް ބޭއްވެންދެން ޕާޓީގެ އިސްވެރިއެއް ކައުންސިލުން ހޮވުމަށް ކަމަށާއި އެގޮތުން މަތީން ކައުންސިލުން އިހުތިޔާރުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ މަގާމުގައި ހުންނެވުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އެ ބޭފުޅުން (މައުމޫންގެ ފަރާތްޕުޅުން) ވަޑައިގަތެއް ނޫންތޯ މަތީ މަރުހަލާތަކަށް ވެސް. މި ސަރުކާރު އައިފަހުން ވެސް ވަޑައިގަތެއް ނޫންތޯ. ވަޑައިގެން ވެސް އެގޮތަކަށް ނުނިންމުނު ނޫންތޯ" އަދުރޭ ވިދާޅުވިއެވެ.

މައުމޫންގެ ފިކުރު ރާއްޖޭގައި ނެތް ކަމަށް އަދުރޭ ވިދާޅުވިއިރު އޭނާ ވަނީ ޖަލަށްލާފައިވާ ކުރީގެ ރައީސް ޔާމީނަށް އޮތް ތާއީދު އެމަނިކުފާނު ޖަލަށް ވަޑައިގަތް އިރަށް ވުރެ ބޮޑު ކަމަށްވެސް ވިދާޅުވެފައެވެ. އަދި މަގުމަތީގެ ހަރަކާތެއް ބާއްވާއިރު ދެން އަދަދު ވެސް ގިނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.