Last Updated: April 23, 13:19
Tuesday, April 23, 2024
ޚަބަރު

ހުރިހާ އަތޮޅެއްގައި އެމްޑީޕީގެ ކެމްޕޭން ވޯކްޝޮޕްތަކެއް ބާއްވަނީ

އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން --

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ހުރިހާ އަތޮޅެއްގައި އެމްޑީޕީގެ ކެމްޕޭން ވޯކްޝޮޕްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވޯކްޝޮޕްތައް ކުރިއަށްދާނެ ކަމަށާއި މި ވޯކްޝޮޕްތަކުގައި އެމްޑީޕީގެ މިނިސްޓަރުންނާއި ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުން ބައިވެރިވާނެ ކަމަށެވެ.

އެގޮތުން އަތޮޅުތަކަށް ދިޔުމަށް ކެމްޕޭން ޓީމުތައް ދަތުރު ފަށާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށާއި އެގޮތުން ރަށްތަކުގައި ދޮރުން ދޮރަށް ހިނގައި ކެމްޕޭންގެ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ.

މި ވޯކްޝޮޕްތައް ބޭއްވުމުގެ ބޭނުމަކީ ކައުންސިލް އިންތިހާބަށް ވަކިވަކި ރަށްރަށަށް އެމްޑީޕީން ވާނެ މަޝްރޫއުތަކުގެ ވައުދުތައް ކަނޑައެޅުން ކަމަށާއި ވޯކްޝޮޕްތައް ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 5:00 އަށް ކަމަށެވެ.

އެމްޑީޕީން ވަނީ މިދިޔަ ހަފުތާގައި ހދ. ކުޅުދުއްފުށި ސިޓީގައި ވެސް މިފަދަ ވޯކްޝޮޕެއް ބާއްވާފައެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޑީޕީން ފަށާފައިވާއިރު އެ ޕާޓީގެ ޓިކެޓުގައި އިންތިހާބަށް ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 31 ގައެވެ.