Last Updated: March 28, 18:00
Thursday, March 28, 2024
ދުނިޔެ

ޗައިނާއިން ފެނުނު ނޮވެލް ކޮރޯނާ ވައިރަސް ގައިން ގަޔަށް އަރާ

ޗައިނާގައި ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަހަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ޗައިނާ އިން ބުނެފިއެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ އެ ވައިރަސް ގައިން ގަޔަށް އަރާ ކަމަށް މިހާރު ޔަގީން ކުރެވިފައިވާ ކަމަށާއި އެގޮތުން ގުއަންޑޮންގް ޕްރޮވިންސުގައި ދިރިއުޅޭ ދެ މީހަކަށް ވައިރަސް ޖެހިފައި ވަނީ މި ބަލި އެންމެ ފުރަތަމަ ފެނުނު ވުހާން ސިޓީ އަށްދިޔަ އެ މީހުންގެ އާއިލާގެ މެންބަރުންތަކެއްގެ ގައިން ކަމަށެވެ.

އަދި އެ ވައިރަސް ޖެހުނު ބަޔަކަށް ފަރުވާދޭން އުޅުނު 15 ސިއްހީ އޮފިޝަލަކަށް ވެސް އެ ބަލި ޖެހިފައިވާ ކަމަށާއި އެތަނުން އެކެއްގެ ހާލު ސީރިއަސް ކަމަށްވެސް ޗައިނާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ބަލީގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފައެވެ.

މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 200 އަށްވުރެ މައްޗަށް އަރާފައިވާއިރު ވުހާން ސިޓީގެެ އިތުރުން ޗައިނާގެ ބޮޑެތި ސިޓީތައް ކަމަށްވާ ބެއިޖިން އަދި ޝަންހާއީން ވެސް މި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗައިނާގެ އިތުރުން ތައިލޭންޑް އާއި ދެކުނު ކޮރެޔާ އަދި ޖަޕާނުން ވެސް މި ބަލީގެ ކޭސްތަކެއް މިހާރު ވަނީ ފެނިފައެވެ.

ޗައިނާގައި ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖެ އިން ވެސް މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށާފައެވެ. ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުކަން ފާހަގަކޮށްލެވެއެވެ.