Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ޔާމީންގެ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމުގެ ތުހުމަތު

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ތުހުމަތުކޮށްފިއެވެ.

ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ކުޑަކުދިން ރޭޕްކުރުމާ އަދި ޤާސިމްގެ މަރާ ގުޅިގެން ފުލުހުންގެ އިހުމާލު އޮތްކަން އެނގިގެން ގޮސްފައިވާ ކަމަށާއި ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަމާލުކަން އަނބުރާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރައީސް ޔާމީންއާ ދިމާލަށް މިސްރާބު ހިފައި އިތުރު މައްސަލަތަކެއް ތަޙުޤީގް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މި މައްސަލަތައް ވެސް ތަހުގީގު ކުރަމުން ދަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތު ހަތިޔާރަކަށް ހަދައިގެން ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމުގައި ބުނެފައިވެއެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، ޔާމީންގެ އެކައުންޓްގައި ހުރި ފައިސާ ދައުލަތަށް ނަގަން ކޯޓު އަމުރެއް ނެރެ ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި މިދިޔަ މަހުގެ ފަހުކޮޅު ވަނީ އެދިފައެވެ. ނަމަވެސް އެ މައްސަލައި އެ ކޯޓުން ބަލައިގަތް ކަމެއް އަދި އެނގިފައެއް ނުވެއެވެ.