Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

ތިން އަހަރު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ތިން އަހަރު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ދެކުނުގެ ރަށެއްގައި އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކާއި މެދު ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 76 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު މެންދުރު 1:00 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ތިން އަހަރު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ބަލަން ފަށާފައި މިވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ހާދިސާއަށްފަހު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.

އެގޮތުން ދެކުނުގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލާގައި ފުލުހުން ވަނީ 80 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.