Last Updated: April 18, 11:23
Thursday, April 18, 2024
ޚަބަރު

އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ލަފައަކަށް އެދި ފޮނުވި ސިޓީ ބާތިލުކޮށްފި

އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުން ހިތްވަރުދޭ ކަމަކަށް ނުވާތީ އެކަމާ ގުޅޭގޮތުން ލަފަޔަކަށް އެދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީ ބާތިލުކުރަން ނިންމައިފިއެވެ.

އެގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް މިއަދު ފޮނުއްވި މެމޯއެއްގައި ވިދާޅުވީ އަންހެނުން ޚިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އަދި ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަށެވެ. އަދި އެކަމުގައި ލަފައެއް ހޯދަންޖެހޭ ހާލަތެއް އޮތް ކަމަށް ނުދެކޭ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

އެހެންކަމުން އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީ ބާތިލުކޮށް އެކަން މިނިސްޓްރީ އަށް އެންގުމަށް މިނިސްޓަރު އަމީން ވަނީ އެދިފައެވެ.

އަންހެނުން ހިތާނަ ކުރުމަކީ މިހާރުވެސް ބައެއް ސަރަހައްދުތަކުގައި ކުރަމުން އަންނަ ކަމެއް ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް އެފަދަ ކަންކަން ނުކުރުމަށް ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުން އަންނަނީ ގޮވާލަމުންނެވެ. އެއީ އެކަމުގެ ސަބަބުން ބަލިމަޑުކަން ފެތުރިދާނެތީއެވެ.