Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

ޖީއެފްއެފްއޭގެ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

ދުނިޔޭގެ ކާނާއާއި ދަނޑުވެރިކަމުގެ ބައިނަލްއަޤްވާމީ ވަޒީރުންގެ ބައްދަލުވުން ނުވަތަ 'ގްލޯބަލް ފޯރަމް ފޯރ ފުޑް އެންޑް އެގްރިކަލްޗަރ' ޖީ.އެފް.އެފް.އޭ ގައި ރާއްޖެ އިން ބައިވެރިވެއްޖެއެވެ.

މި މަހުގެ 16 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ޖަރުމަންވިލާތުގެ ބާރލިންގައި ކުރިއަށްގެންދިޔަ މި މިބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަޑައިގެންނެވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދާއި ޓެކްނިކަލް ސަޕޯޓްގެ ގޮތުގައި ސީނިއަރ އެގްރިކަލްޗަރ އޮފިސަރ، ގާސިތު މުޙައްމަދެވެ.

ޖީ.އެފް.އެފް.އޭ އަކީ ކޮންމެ އަހަރަކުވެސް ދަނޑުވެރިކަމާއި ކާނާ އުފެއްދުމުގެ މަސައްކަތުގައި ދުނިޔޭގެ ފެންވަރުގައި، އެ ވަގުތެއްގައި ދިމާވެފައި ބޮޑެތި ގޮންޖެހުންތަކާއިމެދު ވީހާވެސް ގިނަ ޤައުމުތައް ހިމެނޭގޮތައް، ވަޒީރުންގެ ފެންވަރުގައި ބޭއްވޭ މަޝްވަރާ ބައްދަލުވުމެކެވެ.

މިއަހަރުގެ ޖީ.އެފް.އެފް.އޭގެ މައިގަނޑު ޝިޢާރަކީ 'ފުޑް ފޯރ އޯލް، ޓްރޭޑް ފޯރ ސެކުއަރ، ޑައިވާސް އެންޑް ސަސްޓެއިނަބަލް ފުޑް' އެވެ. މިޝިޢާރު އަމާޒުކުރެވިފައިވަނީ، ބަނޑުހައިހޫނުކަން ނައްތާލުމަށާއި، ޤައުމުތަކުގެ މެދުގައި ފުޑް ސެކިއުރިޓީ ޙާސިލްކުރުމަށްޓަކައި ޓްރޭޑް ނުވަތަ ވިޔަފާރި އަދާކުރާ ދައުރާއި ގުޅޭގޮތުންނެވެ.

މިގޮތުން ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގައި ކުރެވިފައިވާ ދަނޑުވެރިކަމާއި އަދި މަސްވެރިކަމުގެ ވިޔާފާރީގެ މުޢާހަދާތަކާއި ޤައުމުތަކުގެ މެދުގައި ކުރެވިފައިވާ 'ޓްރޭޑް އެގްރިމަންޓްސް' ނުވަތަ ވިޔާފާރީގެ އެއްބަސްވުންތައް ހަމަހަމަކޮށް ހަރުދަނާކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވުނެއެވެ.

މި ފޯރަމްގައި 70 ޤައުމެއްގެ ވަޒީރުންގެ އިތުރުން، އ.ދ ގެ ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާ، އެފް.އޭ.އޯ އާއި އ.ދ ގެ ވިޔާފާރިއާއިބެހޭ ޖަމިއްޔާ ޑަބްލިއު.ޓީ.އޯ އިންވެސް ބައިވެރިވިއެވެ. މިފޯރަމުގައި އެފް.އޭ.އޯ އިން އިންތިޒާމްކުރެއްވި 'ހައިލެވެލް ޕެނަލް ޑިސްކަޝަން އޮން ހާނެސިންގ ޓްރޭޑް ފޯރ ސެކުއަރ، ޑައިވާސް އެންޑް ސަސްޓައިނަބަލް ނިއުޓްރިޝަން' ސެޝަންގެ ޕެނަލިސްޓެއްގެ ޙައިސިއްޔަތުން މިނިސްޓަރ، ޒަހާ ވަޙީދުވަނީ ބައިވެރިވެ ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ފުޑް އެންޑް ނިއުޓްރިޝަނަލް ސެކިއުރިޓީ ޙާސިލްކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތުގައި ދިމާވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި އެކަންތައްތައް ހައްލުކުރުމަށް ޤައުމުތައް އެކަތިގަނޑަކަށްވެ މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތަކަށް އަންނާނެ ބަދަލުތަކަށް ތައްޔާރުވުމުގެ މުހިންމުކަމާއި އަދި މިކަމުގައި އެހެން ޤައުމުތަކާއެކު ވެފައިވާ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި ރާއްޖެ ފަދަ ކުދި އަދި މެދު ފަންތީގެ ޤައުމުތައް ވިޔަފާރީގައި ބައިވެރިވެވޭ މިންވަރު އިތުރުކުރުމުގައި ހުރި ގޮންޖެހުންތައް ޙިއްސާކުރެވި އެކަންތައްތައް ޙައްލުކުރާނެ ގޮތުގެ ވާހަކަތައް ކުރިއަށް ގެންދެވުނެވެ.