ނޮކް މޯލްޑިވްސް އައިލޭންޑް ރިސޯޓަށް ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައިފި އެވެ.
ފުލުހުން ބުނީ އެ ލޯންޗު އެ ރިސޯޓުގެ ނެރު މައްޗަށް ބަންޑުން ޖަހާލާފައިވާ ކަމުގެ ރިޕޯޓު މިއަދު ހަވީރު 17:48 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ލޯންޗުން ދަތުރުކުރީ ޖުމްލަ ހަތް މީހުން ކަމަށާއި އެއީ ދެ ފަތުރުވެރިންނާއި، ހަތަރު ފަޅުވެރިން އަދި ރިސޯޓުގައި މަސައްކަތެއް ކުރަމުންދިޔަ ދިވެއްސެއް ކަމަށެވެ.
މި މައުލޫމާތު ލިބުމާ ގުޅިގެން ރިސޯޓުގެ ފަރާތުން ޑިންގީއެއްގައި އެ ސަރަހައްދަށް ގޮސް މީހުން ސަލާމަތްކޮށްގެން ރިސޯޓަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ލޯންޗުން ދަތުރުކުރި 51 އަހަރުގެ ދިވެހި ފިރިހެނަކަށް ގިނައިން ލޮނު ބޮވުމުގެ ސަބަބުން އަދިވެސް ހޭނާރާ ކަމަށާއި އޭނާ މިހާރު ނ.މަނަދޫ ހޮސްޕިޓަލަށް ގެންދިޔުމަށް ފުރުވާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލާގައި ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.