Last Updated: April 19, 13:47
Friday, April 19, 2024
ދުނިޔެ

ކޮރޯނާ ވައިރަސް ސައުދީ އާއި ސިންގަޕޫރުން ވެސް ފެނިއްޖެ

ޗައިނާގައި މިހާރު ހަލުވި ކަމާ އެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަހުން ބަލި ޖެހިފައިވާ މީހަކު ސައުދީ އަރަބިއްޔާ އާއި ސިންގަޕޫރުން ވެސް ފެނިއްޖެއެވެ.

ސައުދީން މި ވައިރަސް ފެނިފައިވަނީ އެގައުމުގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ނަރުހެއްގެ ގައިންނެވެ.

އިންޑީއާގެ ސްޓޭޓް ފޯ އެކްސްޓާނަލް އެފެއާޒުން ބުނީ ސައުދީގެ އަލްހަޔަތު ހޮސްޕިޓަލުގައި މަސައްކަތް ކުރާ އިންޑިއާގެ 100 ނަރުހުން ޓެސްޓު ކުރިއިރު އެތަނުން އެކަކު ކޮރޯނާވައިރަސް އަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ. އަދި އޭނާ އަށް ސައުދީގެ އަސީރް ނޭޝަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އަދި ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށް އެކްސްޓާނަލް އެފެއާޒުން ބުނެއެވެ.

ސިންގަޕޫރުން މި ވައިރަސް ފެނިފައިވަނީ ޗައިނާ އަށް ނިސްބަތްވާ އުމުރުން 66 އަހަރުގެ ފިރިހެނެއްގެ ގައިންނެވެ. އެގޮތުން އޭނާ އަކީ މި ވަރިއަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީން ސިންގަޕޫރަށް ޒިޔާރަތް ކުރި މީހެެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ނޮވެލް ކޮރޯނާ ވައިރަހަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ޗައިނާ އިން ބުނެފައިވާއިރު މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 400 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. މި ބަލީގައި މިހާތަނަށް 17 މީހަކު ވަނީ މަރުވެފައެވެ.

ސިންގަޕޫރާއި ސައުދީ އަދި ޗައިނާގެ އިތުރުން ތައިލޭންޑް އާއި ދެކުނު ކޮރެޔާ އާއި ޖަޕާން އަދި އެމެރިކާ އިން ވެސް މި ބަލީގެ ކޭސްތަކެއް މިހާރު ވަނީ ފެނިފައެވެ.

ޗައިނާގައި ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖެ އިން ވެސް މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށާފައެވެ. ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުކަން ފާހަގަކޮށްލެވެއެވެ.