Last Updated: March 29, 13:51
Friday, March 29, 2024
ޚަބަރު

އެދުނު މިންވަރަށް ބަޖެޓު ލިބުނުނަމަ ބޮޑުތަނުން މަގުތައް ރަނގަޅުވީސް

މާލެ ސިޓީ މޭޔަރ ޝިފާ މުޙައްމަދު-

އެދުނު މިންވަރަށް ބަޖެޓު ލިބުނުނަމަ ބޮޑުތަނުން މާލޭގެ މަގުތައް ރަނގަޅުވީސް ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރު މަގުމަތީގައި އެޅުމަށް މާލޭ ސިޓީ ކައުންސިލަށް ލިބިފައިވަނީ 37،000 ގަލާއި 200 ކާނު މަތިގަނޑު ކަމަށެވެ. އަދި މިދިޔަ އަހަރުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ 2018 ގައި ކަނޑައެޅި ބަޖެޓުން ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.

"މާލޭ ރީޑިވެލޮޕްމެންޓް ފައިސާ ހުރީ ޕްލޭނިން މިނިސްޓްރީގައި. އެދުނު މިންވަރަށް ލިބުނުނަމަ ބޮޑުތަނުން ރަނގަޅު ވީސް" މޭޔަރު ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރު ކަމުގެ އިތުރު ދައުރަކަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ ޝިފާ މިހެން ވިދާޅުވެފައިވާއިރު ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކަންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދިނުމަށް މިއަހަރަށް ފާސްކުރި ބަޖެޓުގައި ވަނީ ހިމަނާފައެވެ.

މި ބަދަލާއެކު ރަށު ކައުންސިލްތަކަށް ލިބޭ ފައިސާ ވަނީ 148 ޕަސެންޓަށް އިތުރުވެފައެވެ. އަދި އަތޮޅު ކައުންސިލްތަކަށް ލިބޭ ފައިސާ 155 ޕަސެންޓަށް އަދި ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 433 ޕަސެންޓަށް ވަނީ އިތުރުވެފައެވެ.

އެ ފައިސާގެ ތެރެއިން 134 މިލިއަން ރުފިޔާ ކައުންސިލުތަކުގެ އެކައުންޓަށް މިހާރު ޖަމާކޮށްދީފައިވާ ލޯކަލް ގަވަމެންޓު އޮތޯރިޓީން އިއްޔެ ވަނީ ބުނެފައެވެ.