Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

ކޮރޯނާ ވައިރަސް ނޭޕާލުން ވެސް ފެނިއްޖެ

ޗައިނާގައި މިހާރު ހަލުވި ކަމާ އެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަހުން ބަލި ޖެހިފައިވާ މީހަކު ނޭޕާލުން ވެސް ފެނިއްޖެއެވެ.

ނޭޕާލުގެ ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ބަލި ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީން މި މަހުގެ 9 ވަނަ ދުވަހު ނޭޕާލަށް އައި އުމުރުން 32 އަހަރުގެ ފިރިހެނެއްގެ ގައިން ކަމަށެވެ. އޭނާ އަކީ ޗައިނާގައި ކިޔަވަމުންދާ މީހެއް ކަމަށާއި ނޭޕާލަށް އެނބުރި އައުމުގެ ކުރިން ވޫހާން އަށް ދިޔައީ ޗުއްޓީ އަކަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"އެކަކު ވަނީ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެފައި. އޭނާ އަކީ ޗައިނާގައި ކިޔަވަމުންދާ ނޭޕާލްގެ ދަރިވަރެއް" އެ ބަޔާނުގައި ބުނެފައިވެއެވެ.

މިއީ ދެކުނު އޭޝިއާގެ ގައުމަކުން މި ވައިރަސް އަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީންނެވެ. ނަމަވެސް ވޫހާންގެ އިތުރުން ޗައިނާގެ އިތުރު ސިޓީތައް ކަމަށްވާ ބެއިޖިން، ޝަންހާއީ، މަކާއޯ އަދި ހޮންގް ކޮންގް އިން ވެސް ވަނީ މި ވައިރަސް ޖެހިފައިވާ މީހުން ފެނިފައެވެ.

ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނުން މިއަދު ބުނިގޮތުގައި މި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 830 އަށް އަރާފައިވާއިރު މި ބަލީގައި މިހާތަނަށް 26 މީހަކު މަރުވެފައިވާ ކަމަށެވެ.

ޗައިނާގެ އިތުރުން ތައިލޭންޑް އާއި ވިއެޓްނާމް އާއި ދެކުނު ކޮރެޔާ އާއި ސިންގަޕޫރް އާއި ޓައިވާންގެ އިތުރުން އެމެރިކާ އިން ވެސް ވަނީ މި ވައިރަސް ޖެހިފައިވާ މީހުން ފެނިފައެވެ.

ނޮވެލް ކޮރޯނާ ވައިރަހަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ޗައިނާ އިން ބުނެފައިވާއިރު، މި ވައިރަހުގެ ސަބަބުން ރާއްޖެ އިން ވެސް މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށާފައެވެ. ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުކަން ފާހަގަކޮށްލެވެއެވެ.