Last Updated: April 19, 13:47
Friday, April 19, 2024
ވިޔަފާރި

ބީއެމްއެލުން އެކައުންޓު ހުޅުވުމަށާއި ލޯނުގެ ކަންކަމަށް ސެންޓަރެއް ހުޅުވައިފި

އަމީނީ މަގު މާލޭ ސްކެއަރ ގައި ހުންނަ ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ސެންޓަރ ގެ ފުރަތަމަ ފަންގިފިލާގައި އެކައުންޓް އޯޕެނިންގ އަދި ލޯން ސެންޓަރ އެއް މިއަދު ހުޅުވައިފިއެވެ.

ބީއެމްއެލް އިން ބުނީ އަލަށް ހުޅުވުނު އެކައުންޓް އޯޕަނިންގ އަދި ލޯން ސެންޓަރ އިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށެވެ. އަދި މި ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނަށް އެކައުންޓް ހުޅުވުމާއި، ޕަރސަނަލް ލޯނާއި ހައުސިންގ ލޯނަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އަދި ކަސްޓަމަރުންގެ ލުއި ފަސޭހަކަމާއެކު ކިއުގައި މަޑުކުރަންޖެހޭ ވަގުތު މަދުކުރުމަށްޓަކައި، އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުމަށް ކަސްޓަމަރުން ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރ ގެ ފޯނު ނަންބަރު 3330200 އަށް ގުޅުއްވުމުން އެޕޮއިންޓްމަންޓް ހަމަޖައްސައިދެވޭނެ ކަމަށްވެސް ބޭންކުން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ” މިވޭތުވެދިޔަ އަހަރުތަކުގައި ބޭންކުން މިވަނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަގުނަ އިންވެސްޓްމަންޓްތަކެއްކޮށްފަ. އަލަށް މި ހުޅުވިގެންދިޔަ ޒަމާނީ ސެންޓަރގައި ކަސްޓަމަރުންނަށް އެހީތެރިވުމަށް ހާއްސަ ޓީމެއް މަސައްކަތްކުރަމުންދާނެ. އަދި މިސެންޓަރުން ކަސްޓަމަރުން ބޭނުންވާނެ ފަދަ ފުރިހަމަ ހިދުމަތެއް ލިބިގެންދާނެ.”

މި ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނަށް އަލަށް އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅޭނެއެވެ. ކާޑަށް އެދި ހުށަހެޅުމާއި، އިންޓަރނެޓް ބޭންކިންގ އާއި އިންޓަނޭޝަނަލް ޓްރާންސްފަރ ޚިދުމަތާއި ފައިސާގެ މުޢާމަލާތް ހިމެނޭ ހުރިހާ ޚިދުމަތެެއް ލިބެމުންދާނީ މެއިން ބްރާންޗް އިންނެވެ. ސްޓޭޓްމަންޓް އަށް އެދި ހުށަހެޅުމާއި، ޗެކް ފޮތާއި ކާޑު ދޫކުރުމުގެ ޚިދުމަތް ލިބެގެންދާނީ ކަސްޓަމަރ ސަރވިސް ސެންޓަރ އިންނެވެ. ފައިސާގެ މުޢާމަލާތްތައް ފިޔަވައި ވިޔަފާރިތަކުން ބޭނުންވާ އެހެން ހުރިހާ ޚިދުމަތެއް ދެމުންދާނީ ބީއެމްއެލް ބިޒްނަސް ސެންޓަރ އިންނެވެ.