Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޔާމީން ޖަލަށްލި މައްސަލަ އިދިކޮޅުން އީޔޫއާ ހިއްސާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާފައިވާ މައްސަލަ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވަފްދުގެ ބޭފުޅުންނާ އިދިކޮޅުން މިއަދު ހިއްސާކޮށްފި އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިމައުލޫމާތުތައް ހިއްސާ ކުރެއްވީ އީޔޫގެ ވަފްދުގެ އިސްވެރިއަކަށް ވަޑައިގެން އުޅުއްވާ، އެކްސްޓާނަލް އެކްޝަން ސާވިސް ފޯ އޭޝިއާ އެންޑް ޕެސިފިކްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޕައުލާ ޕަންޕަލޯނީއާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމަށްފަހު އާދަމް ޝަރީފް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި ޔާމީންވެ މައްސަލައިގެ ޝަރީއަތުގައި އިންސާފުވެރިކަން ނެތުމާއި ޔާމީން ޖަލަށްލުމުގެ ކަންބޮޑުވުން ހިއްސާ ކުރެއްވި ކަމަށެވެ.

އަދި ސިޔާސީ މައިދާނުގައި އިދިކޮޅު ފަރާތްތަކަށް ހުރި ގޮންޖެހުންތައް ވެސް ހިއްސާ ކުރެއްވި ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމުގައި ބުނެފައިވެއެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، ޔާމީންގެ އެކައުންޓްގައި ހުރި ފައިސާ ދައުލަތަށް ނަގަން ކޯޓު އަމުރެއް ނެރެ ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި މިދިޔަ މަހުގެ ފަހުކޮޅު ވަނީ އެދިފައެވެ.