Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

މީހުންނާ ދިމާލަށް "ވަގަށް" ގޮވާނީ އެންމެ ގިނައިން ވައްކަންކުރާ މީހުން

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް - ފޮޓޯ: މަޖިލިސް

މީހުންނާ ދިމާލަށް "ވަގަށް" ގޮވާނީ އެންމެ ގިނައިން ވައްކަންކުރާ މީހުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން، ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ހުށަހަޅުއްވާފައިވާ، ފެނާއި ނަރުދަމާގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ މަޖިލީހުގައި ބައެއް މެމްބަރުން ވާހަކަދައްކަވާއިރު އުނދަގޫ ކުރުމާއި ޖެއްސުން ކުރުންފަދަ ކަންކަން ހިނގާ ކަމަށާއި މިއީ ހުއްޓުވަންޖެހޭ ކަމެއް ކަމަށެވެ.

އަދި މަޖިލީހުގައި ވަކި މީހަކު ވާހަކަދެއްކުމުން އެމީހަކާ ދިމާލަށް ވަގަށް ގޮވުމަކީ އެއްވެސް މެމްބަރަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށާއި މީހަކު އެފަދަ ކަމެއް ކޮށްފައިވާނަމަ ކޯޓުތަކުން ނުވަތަ ކަމާބެހޭ މުއައްސަސާތަކުން އެކަމެއް ބަލާނެ ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

"އިންސާނާ އަކީ އެއްވެސް ޕާފެކްޓު މީހެއް ނޫން. ކޮންމެ އިންސާނަކީ ވެސް ތަފާތު ކުށްތަކުގައި އުޅޭ މީހެއް. ނޫނީއްޔާ ރަނގަޅު ކަންތައްތަކާއި ނުބައި ކަންތައް ކުރެވިފައި ހުރި މީހެއް. އެއްވެސް އިންސާނަކީ ހުރިހާ ގޮތަކުން ރަނގަޅު ކަންތައް ކުރެވޭނެ މީހެއް ނޫން. މިތަނުގައި އެއްވެސް މެމްބަރަކާ ދިމާލަށް ތިއީ ވަގެކޭ، ތިއީ މިވެނި މީހެކޭ ބުނުމުގެ ހައްގެއް އޮވެގެން ނުވާނެ" ސިޔާމް ވިދާޅުވިއެވެ.

މިފަދަ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުއްޓުވަންޖެހޭ ކަމަށާއި މި ކަންކަން ރިޔާސަތަށް ހުއްޓުވޭނެ ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

"އެންމެ ބޮޑަށް ވަގެކޭ ގޮވާނީ ވައްކަންކުރާ މީހާ. އެންމެ ބޮޑަށް ތިމައާ ދިމާލަށް އެއްޗެހި ގޮވާނީ އެކަން ކުރާ މީހާ" ސިޔާމް ވިދާޅުވިއެވެ.

ސިޔާމްގެ ވާހަކަ ކުރިއަށްދަނިކޮށް ކަނޑިތީމު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ ވަގަށް ގޮވަނީ ވައްކަން ކުރުމުން ކަމަށާއި އެގޮތުން ދައުލަތުން ވައްކަންކޮށްގެން މިއަދު ޖަލުގައި އޮންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ސިޔާމް ބައިއަތު ހިފި ކަމަށް ވިދާޅުވެފައެވެ.

މެމްބަރުން ޝަހީމް ވަނީ ސިޔާމްގެ ވާހަކަ އަލުން ފެއްޓުމުން ވެސް މަޖިލީހުގައި އަޑުގަދަ ކުރައްވާފައެވެ.