Last Updated: April 25, 08:46
Thursday, April 25, 2024
ދުނިޔެ

ކޮރޯނާވައިރަސް: މަރުވި މީހުންގެ އަދަދު 1000 އަށް ވުރެ މައްޗަށް

ކޮރޯނާ ވައިރަސްގައި އިއްޔެ އެކަނި 108 މީހުން މަރުވެ، މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 1000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ މަރުވި 108 މީހުންގެ ތެރެއިން 103 މީހުން ނިސްބަތްވަނީ މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ހުބެއި ޕްރޮވިންސަށެވެ. އިއްޔެ އަކީ މި ބަލި ފެތުރެން ފެށިފަހުން އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަހެވެ.

މީގެއިތުރުން އިއްޔެ އެކަނި ވަނީ މި ބައްޔަށް އިތުރު 2478 މީހުން ޕޮޒިޓިވް ވެފައެވެ.

މި އަދަދުތަކާއެކު މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1017 އަށް އަރާފައެވެ. މި ބަލީގައި ދެ މީހުން ފިޔަވައި ދެން އެންމެން ވެސް މަރުވެފައިވަނީ ޗައިނާ އިންނެވެ. އަދި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 42،700 އަށް އަރާފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާންކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީން ކަމަށްވީ ނަމަވެސް މި ބަލި ޖެހިފައިވާ މީހުންތައް ޗައިނާގެ އެހެން ސިޓީތަކުންނާއި އަދި ބައެއް އެހެން ގައުމުތަކުން ވެސް މިހާރު އަންނަނީ ފެންނަމުންނެވެ.

އަދި ބައެއް ގައުމުތަކުން މިހާރު އަންނަނީ ޗައިނާގައި ތިބި އެގައުމުތަކުގެ ރައްޔިތުން އަނބުރާ ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.