Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ކައުންސިލް އިންތިހާބުގައި ޑީއާރްޕީން ހުރިހާ ދާއިރާއަކަށް ކުރިމަތިލަނީ

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު – ފޮޓޯ: މަަޖިލިސް

ލޯކަލް ކައުންސިލް އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޕާޓީން (ޑީއާރްޕީ) އިން ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމައިފިއެވެ.

ޑީއާރްޕީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ޕާޓީން ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށާއި މި މަހުގެ ފަހުކޮޅު ގާފަރުގައި ބާއްވާ ކޮންގްރެސްގައި ޓިކެޓު ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.

"ޓިކެޓާއެކު ކެމްޕޭން ފަންޑު ވެސް ހަވާލުކުރެވޭނެ" ޑީއާރްޕީން ބުނެއެވެ.

ޑީއާރްޕީން ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ ޑިސެމްބަރުގައި ކަމަށްވާއިރު، ޕާޓީގެ ޓިކެޓު ލިބޭނީ އާ 100 މެންބަރުންގެ މެންބާޝިޕް ފޯމު ހުށަހެޅުމުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ޑީއާރްޕީގެ އިތުރުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އިދިކޮޅު ޕީޕީއެމުން ވެސް ވަނީ ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.