Last Updated: July 5, 22:13
Sunday, July 5, 2020
ޚަބަރު

ސަރުކާރުން ހުރިހާ ކަމެއް މިހާރު އަޅުވަނީ ކޮރޯނާވައިރަހުގައި: ޝިޔާމް

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

ސަރުކާރުން ހުރިހާ ކަމެއް މިހާރު އަޅުވަނީ ނުރައްކާތެރި ކޮރޯނާ ވައިރަހުގައި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވެފައިމިވަނީ ކޮރޯނާވައިރަހާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގެ މަސައްކަތް މަޑު ޖައްސާލުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ މި ސަރުކާރަށް އުމްރާނީ ގޮތުން ވެސް ކަމެއް ކުރެވޭތަން ނުފެންނަ ކަމަށާއި އަދި އިގްތިސާދުގެ ވާހަކަ އެންމެ ރަނގަޅު ވާނީ ނުދެއްކުން ކަމަށެވެ. އެގޮތުން މި ސަރުކާރުން މިހާރު ހުރިހާ ކަމެއް އަޅުވަމުންދަނީ ކޮރޯނާ ވައިރަހުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިވެރިން މިހާރު ހުރިހާ ކަމެއް އަޅުވަނީ ކޮރޯނާ ވައިރަސްގައި. މިއަންނަ މަހު މުސާރަ ނުދެވުނަސް ބުނާނެ ކޮރޯނާ ވައިރަސްއޭ" ޝިޔާމް ވިދާޅުވިއެވެ.

ދައުލަތަށް އާމްދަނީއެއް ނުވަންނަ ކަމަށާއި ބޮޑެތި ޕްރޮޖެކްޓުތައް ހިންގަން ރޭވުންތެރިކަމެއް ސަރުކާރުގައި ނެތްކަން ފާހަގަކުރައްވަމުން ޝިޔާމް ވަނީ އަންނަ ހަފްތާގައި ވިލިމާލެ ބްރިޖުގެ މަސައްކަތް ވެސް ފަސްކުރަން ނިންމި ވާހަކަ ސަރުކާރުން އިއުލާން ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

"ކޮން ކަމެއް ވެގެންތޯ. ކޮރޯނާ ވައިރަސް. މިހުރީ ކަންތައްތައް ހުރި ގޮތް" ޝިޔާމް ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮންމެވެސް ވަރެއްގެ އަސަރެއްގެ ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ސަރުކާރުން ވަނީ އެކަމާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އާ ވަޒީފާތައް ނުއުފެއްދުމަށާއި އިދާރީ ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ އޮފީސްތަކަށް އަންގާފައެވެ.