Last Updated: April 18, 22:36
Thursday, April 18, 2024
ދުނިޔެ

ކޮވިޑް-19: މަރުވި މީހުންގެ އަދަދު 1600 އަށް އަރައިފި

ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި ކޮރޯނާ ވައިރަހުގައި މަރުވި މީހުންގެ އަދަދު 1600 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނި ވެސް މި ބަލީގައި ވަނީ 142 މީހުން މަރުވެފައެވެ. މީގެތެރެއިން 139 މީހުން މަރުވެފައިވަނީ މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ހުބެއި ޕްރޮވިންސުންނެވެ.

މީގެއިތުރުން އިއްޔެ އެކަނި އިތުރު 2009 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

މި އަދަދުތަކާއެކު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1،666 އަށް އަރާފައެވެ. އަދި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 68،940 އަށް އަރާފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާންކޮށްފައެވެ.