Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ރައްޔިތުންނަށް މެމްބަރުން ވަކިކުރެވޭ ގޮތް ހަދަން ތާއީދު: އުޝާމް

ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް -- ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު، އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނެގޭނެ ގޮތް ހަދަން ތާއީދުކުރައްވާ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވެފައިމިވަނީ އެކަމާ ގުޅޭ ބިލެއް އާންމު ފަރާތަކުން ތައްޔާރުކޮށް މަޖިލީހަށް ވެއްދުމަށްޓަކާ މެމްބަރުންގެ ތާއީދު ހޯދަމުންދާ ދަނޑިވަޅެއްގައެވެ. އެ ބިލުގެ ޑްރާފްޓްގެ މަސައްކަތް ކޮށްފައިވަނީ ގާނޫނީ ވަކީލު ހަމްޒާ ހަލީލެވެ. މަޖިލީހުގެ މެމްބަރަކު އެފަދަ ގޮތަކަށް ވަކިކުރެވޭނީ ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެންނެވެ.

އެކަމާ ގުޅިގެން މެމްބަރު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް މެމްބަރުން ވަކިކުރެވޭ ފަދަ އުސޫލަކަށް އޭނާ ތާއީދުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ހަމްޒާ އެންމެ ފުރަތަމަ ބޭނުން ވަނީ އޭނާގެދާއިރާގެ މެމްބަރު މެދުވެރިކޮށް މި ބިލު މަޖިލީހަށް ހުށަހަޅުއްވަންހެން. އެކަން ކާމިޔާބު ނުވެއްޖެނަމަ، އަދި ހަމްޒާ އަޅުގަނޑުގެ އެހީ ބޭނުންވާ ނަމަ، އެކަން ކުރަން ތައްޔާރު" އުޝާމް ވިދާޅުވިއެވެ.

ހަމްޒާގެ ދާއިރާ ތަމްސީލު ކުރައްވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. ހަމްޒާ ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި އީވާއާ ވާދަކުރައްވާފައެވެ.

ހަމްޒާ ޑްރާފްޓް ކުރެއްވި ބިލުގައި ބުނެފައިވަނީ މެމްބަރާ މެދު އިތުބާރު ގެއްލިއްޖެ ނަމަ، ވޯޓަށް ދިޔުމަށް، ދާއިރާގެ ތިންބައި ކުޅަ އެއްބައި މީހުން ސޮއިކޮށްފައިވާ ލިޔުމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ލިޔުން ހުށަހަޅާތާ 45 ދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި މެމްބަރު މަގާމުން ވަކި ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ބާއްވަން ޖެހޭނެ ކަމަށާއި މެމްބަރު ގޮނޑީގައި ބައިންދަން ނުފެންނަ ކަމަށް ގިނަ މީހުން ވޯޓުލައިފި ނަމަ، ގޮނޑި ގެއްލޭނެ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.

ހަމްޒާގެ ބިލަކީ ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލަކަށް ވާއިރު، ގާނޫނު އަސާސީއަށް އިސްލާހު ގެނެވެނީ މަޖިލީހުގެ މެންބަރުންގެ ތިންބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.