Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އަޅުގަނޑުގެ މައްޗަށް ތަހުގީގު ހިންގަވާ، ހަގީގަތް ފެންނާނެ: އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު - ފޮޓޯ: ރައީސް އޮފީސް

މިހާރު ލީކުވެގެން އުޅޭ އޯޑިއޯތަކާއި ގުޅިގެން ތަހުގީގެއް ހިންގެވުމަށާއި އޭރުން ހަގީގަތް ފެންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ކަމަށް ބުނާ މީހަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އާންމުވަމުން އަންނައިރު އެ އޯޑިއޯތަކުގައި ވަނީ ސަރުކާރުގެ ބައެއް ވަޒީރުންނަށް އަމާޒުކޮށް ހަޑި ހުތުރު ބަސްތައް ބޭނުންކޮށްފައެވެ. އޭގެތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވައެވެ.

އެކަމާ ގުޅިގެން އަލީ ވަހީދު ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް މީގެކުރިން ވިދާޅުވެފައެވެ. އެކަމާ ގުޅިގެން އޭނާ ވަނީ މިއަދު އިތުރު ޓްވީޓެއް ކުރައްވާފައެވެ.

އެ ޓްވީޓުގައި އަލީ ވިދާޅުވީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ތަކުރާރުކޮށް ދަންނަވާ ކަމަށާއި މިއީ އެކި އަޑު އެކި ގޮތަށް ގެނެސް ރޭވިގެން ހިންގާ ހުތުރު ޖަރީމާއެއް ކަމަށެވެ.

"ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ސާފުވާނެ. އަޅުގަނޑުގެ މައްޗަށް ވެސް ތަހުގީގު ހިންގަވާ. ހަގީގަތް ފެންނާނެ" އަލީ ވިދާޅުވިއެވެ.

މި އޯޑިއޯތަކާ ގުޅިގެން އަލީ ވަހީދަށް ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނައިރު، މިކަމާމެދު ސަރުކާރުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.