Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

ކައުންސިލް އިންތިހާބަށްފަހު ކޯލިޝަނުގައި މޫނުގައި ފޮތި އަޅާނެ

ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ހަލީމް - ފޮޓޯ: މަޖިލިސް

ލޯކަލް ކައުންސިލް އިންތިހާބަށްފަހު ވެރިކަން ކުރާ ކޯލިޝަން ނިމުމަކަށް ގެންނާނެ ކަމަށް ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ހަލީމް މިހެން ވިދާޅުވީ ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ހަލީމް ވިދާޅުވީ ކައުންސިލް އިންތިހާބުން އެމްޑީޕީ އަށް ރަނގަޅު ކާމިޔާބީއެއް ލިބޭނެ ކަމަށާއި އެ ކާމިޔާބީއާ އެކުގައި ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ކޮށްދޭނެ ކަމަށެވެ. އެގޮތުން މި އިންތިހާބަށްފަހު ކޯލިޝަނުގެ ސަރުކާރު ނިމުމަކަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

"މި ފަހަރު ލޯކަލް ކައުންސިލް އިންތިހާބު އަޅުގަނޑުމެންނަށް ރަނގަޅަށް ލިބިއްޖެއްޔާ، އިރާދަކުރެއްވިއްޔާ އެންމެ ދުވަހަކު ވެސް ގާސިމް އިބްރާހިމް އާއި، މައުމޫން އަބްދުލް ގައްޔޫމްއާ އެކު، އިމްރާން އަބްދުﷲ އާ އެކު އުޅޭކަށް ނެތިން. އެމީހުންނާއެކު ސަރުކާރަށް ހިންގޭނެ ކަމަކަށް ނުފެނޭ" ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ އެމްޑީޕީ ފިޔަވައި ދެން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ވަޒީރުން ތިބި މިނިސްޓްރީތަކުން މަސައްކަތް ނުކުރެވިދާތަން ވެސް ފެންނަމުންދާ ކަމަށެވެ. އެގޮތުން އެމްއާރްއެމްގެ ސްލޮޓުގައި ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޒަހާ ވަހީދަށް މަސްވެރިންނާއި މެދު ކުރެވުނު ކަމެއްވެސް ނެތް ކަމަށާއި އެކަމަނާއާ މެދުވެސް ވަރަށް އަވަހަށް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހާއްސަކޮށް އޭޕްރީލް ހަތަރުވަނަ ދުވަހަކީ އެމްޑީޕީގެ ރައްޔިތުންނަށް އުފާވެރި ދުވަހަކަށްވާނެ. އެ ދުވަހު ކޯލިޝަންގެ މޫނުގައި އަޅާނެ ކަމުގެ ޔަގީންކަން ދެން" ހަލީމް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.