Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

ޓީއެމްއޭ އިން ނަޝީދަށް 13 މިލިއަން ޑޮލަރު ދިންކަމަށް ތުހުމަތުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް 13 މިލިއަން ޑޮލަރު ދިން ކަމަށް މަޖިލީހުގެ މެމްބަރަކު ތުހުމަތުކޮށްފިއެވެ.

އެގޮތުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ޓީއެމްއޭއިން ރައީސް ނަޝީދަށް 13 މިލިއަން ޑޮލަރު ދީފައިވާ ކަމަށާއި އަދި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ މަޖިލީސް މެންބަރުންން ލައްވާ ކުރީ ސަރުކާރޭ ކިޔައިގެން އެ ވާހަކަތައް އޮއްބާލަން ކަމަށެވެ.

"ގާނޫނު އަރާ ހަމަކުރާނެ، އެކަން ދަންނާތި. ގޮނޑި ދުއްވަން މިފަހަރު ނުފޮނުވާނެ. އޮންނަން ޖެހޭނީ ޖަލުގައި" މެމްބަރު ނަޝީދު ވިދާޅުވިއެވެ.

މެމްބަރު ނަޝީދު މިފަދަ ތުހުމަތެއް ކުރައްވާފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ކުއްޔަށް ދިނުމާ ގުޅޭ މައްސަލައިގެ ތެރެއަށް ނަޝީދު ވެސް މިހާރު ވަނީ ވަދެފައެވެ.

އެގޮތުން ނަޝީދު ވަނީ ޓީއެމްއޭގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދުން މުހިއްމު ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް ގޮތެއް ނުހޯދިއްޖެނަމަ ވެލާނާ އެއާޕޯޓުގެ ރަންވޭ ހުޅުވުން ލަސްވެ، ޓީއެމްއޭ އަށް ބަދަލު ދިނުން ގާތް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު މިހެން ވިދާޅުވި ނަމަވެސް ޓާމިނަލް މައްސަލައާ ގުޅިގެން އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު އެއްވެސް އެއްބަސްވުމެއް ހެދިފައެއް ނެތެވެ. އެހެންކަމުން އެއްބަސްވުމެއް ނެތީސް ޓީއެމްއޭ އަށް ބަދަލުދޭން ޖެހޭނެ ގޮތާއި މެދު އާންމުން ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޓާމިނަލް މައްސަލާގައި އަވަސް ހައްލެއް ހޯދަން ނަޝީދު ގޮވާލެއްވިއިރު ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޭން އުޅެނީ ދައުލަތަށް ބޮޑު ގެއްލުމެއްގައި ކަމަށާއި، އެކަމާއި ގުޅޭ ޖިނާއީ ތަހްގީގު ފަށާފައިވާކަމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) ވަނީ ވަނީ ބުނެފައެވެ.