Last Updated: April 19, 11:00
Friday, April 19, 2024
ޚަބަރު

ލީކުވި އޯޑިއޯއެއްގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތީ ފުލުހުން ބަލަނީ

ޖޭޕީން ބޭއްވި އިވެންޓެއްގެ ތެރެއިން - ފޮޓޯ: ސޯޝަލް މީޑިޔާ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ މީހަކު ވާހަކަ ދައްކާ އޯޑިއޯތަކެއް ލީކުވެފައިވާއިރު، އެ އޯޑިއޯތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭ ފަދަ އޯޑިއޯއެއް ހިމެނޭތީ އެކަން އިތުރަށް ސާފުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ ލީކުވެގެން އުޅޭ އޯޑިއޯތަކާ ގުޅޭގޮތުން ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށެވެ.

"ނަމަވެސް އޯޑިއޯތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭފަދަ އޯޑިއޯއެއް ފާހަގަކުރެވިފައިވާތީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ އޯޑިއޯއާ ގުޅޭ ކަންކަން އިތުރަށް ސާފުކުރަމުންދަނީ" އިޒްމިއާ ވިދާޅުވިއެވެ.

އަލީ ވަހީދު ކަމަށް ބުނާ މީހަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އާންމުވަމުން އަންނައިރު އެ އޯޑިއޯތަކުގައި ވަނީ ސަރުކާރުގެ ބައެއް ވަޒީރުންނަށް އަމާޒުކޮށް ހަޑި ހުތުރު ބަސްތައް ބޭނުންކޮށްފައެވެ. އޭގެތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން ކޮރަޕްޝަނެއްގެ ވާހަކަ ދައްކާ ދަރަންޏަށް އަރާ ބައި "ހަލާސް" ކޮށްލަން އަލީ ވަހީދު ކަމަށް ބުނާ މީހާ ވާހަކަ ދައްކާ އަޑުވެސް އެއް އޯޑިއޯ އިން އިވެއެވެ. އެގޮތުން އެ އޯޑިއޯގައި ދެކެވެމުންދާ ވާހަކަ އަކީ ސުޕްރީމް ކޯޓަށް ގެންނަ ކާރުތަކަކުން "ކޮރަޕްޝަނެއް" ހިންގުމުގެ ވާހަކައެވެެ.

އޯޑިއޯތައް ލީކުވަމުން އަންނައިރު އަލީ ވަހީދު ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި މިއީ އެކި އަޑު އެކި ގޮތަށް ގެނެސް ރޭވިގެން ހިންގާ ހުތުރު ޖަރީމާއެއް ކަމަށެވެ.

"ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ސާފުވާނެ. އަޅުގަނޑުގެ މައްޗަށް ވެސް ތަހުގީގު ހިންގަވާ. ހަގީގަތް ފެންނާނެ" އަލީ ވިދާޅުވިއެވެ.