Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

މިއީ ޗައިނާއަށް ދެރަ ގޮތެއްވާން ހިތް ނިޔަތް ގަންނަންވީ ވަގުތެއް ނޫން

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޗައިނާ ސަފީރު - ފޮޓޯ: މަޖިލިސް

މިއީ ޗައިނާ އަށް ދެރަ ގޮތެއްވާން ހިތް ނިޔަތް ގަންނަންވީ ވަގުތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިހާރު ޗައިނާގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ގުޅިގެން އެގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކު ބޭއްވި ބައްދަލުވުމަށްފަހު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން ޗައިނާގެ ހިނގަމުންދާ ކަންކަމުގެ މައުލޫމާތު ސަފީރު ހިއްސާ ކުރެއްވި ކަމަށާއި މިވަގުތަކީ އެންމެންވެސް ޗައިނާ އާއި ދޭތެރޭގައި އިހުލާސްތެރިކަމާއި މަދަދުވެރިކަމާއި އެކުގައި އަމަލުކުރަންޖެހޭނެ ވަގުތެއްކަމަށް ޗައިނާގެ ސަފީރުގެ އަރިހުގައި ދެންނެވި ކަމަށެވެ.

އަދި މިއީ އެއްވެސް ކަމެއްގައި ޗައިނާއަށް ދެރަގޮތެއް ވުމަށް ހިތްނިޔަތް ގަނެގެން ވާނެ ވަގުތެއް ނޫންކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"ހުރިހާ އިންސާނުން ވެސް ބަލިވާނެ. ބަލިވީމާ އިންސާނުންނަށް ބޭސްފަރުވާ އަޅުގަނޑުމެން އެންމެން ކޮށްދޭންޖެހޭ. ބަލިވާ މީހާ އެއީ އެކަހެރިކޮށްލެވޭ، ވަކިކޮށްލެވޭ، ހަނދާން، ނައްތާލެވޭ، ފޮހެލެވޭ، މީހެއްގެ ގޮތުގައި ވިސްނުން އަޅުގަނޑުމެން ގެންގުޅުން އެއީ އަޅުގަނޑަށް ފެނުނުގޮތުގައި ދެރަކަމެއް. އަޅުގަނޑު ޗައިނާ އެމްބެސަޑަރަށް ދެންނެވިން، އަޅުގަނޑު ދެކޭ ގޮތުގައި މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެމްބަރުންވެސް މިވަގުތު އެދިވަޑައިގަންނަވާނީ ޗައިނާއަށް މަދަދުވެރިކަމޭ. ޗައިނާ އަށް އިހުލާސްތެރިކަމޭ. ޗައިނާއަށް ހެޔޮއެދުމޭ" ނަޝީދު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް އަލަށް ޖެހޭ މީހުންގެ އަދަދު ވަރަށް މަދުވެފައިވާ ކަމަށާއި އަދި މި ބަލިން ރަނގަޅުވާ މިންވަރު ވެސް ބޮޑު ތަނުން އިތުރުވެފައިވާ ކަމަށްވެސް ސަފީރު ވިދާޅުވިކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ކޮރޯނާ ވައިރަހުގައި މިހާތަނަށް 1،800 އަށް ވުރެ ގިނަ މީހުން ޗައިނާ އިން މަރުވެފައިވާއިރު، މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 70،000 އަށް ވުރެ މައްޗަށް އަރާފައެވެ.