Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ހުޅުމާލެ ޖަލުގައި އެކަހެރި ބައްދަލުވުން ދެވޭނެ އިންތިޒާމު ހަމަޖައްސައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުޅުމާލެ ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުންނަށް އެކަހެރި ބައްދަލުވުމުގެ ފުރުޞަތު ދެވޭނެގޮތް ހަމަޖައްސައިފިއެވެ.

މިގޮތުން ހުޅުމާލެ ޖަލުގައި އެކަހެރި ބައްދަލުވުމަށް ޚާއްސަކޮށް އިމާރާތްކުރެވުނު ތަން މިއަދު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ.

މި ތަނުގެ ބޭނުމަކީ ހުޅުމާލެ ޖަލުގައި އަދި މާލެ ޖަލުގައި ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން އެކަހެރި ބައްދަލުވުން ދޭންޖެހޭ ޤައިދީންނަށް މި ފުރުޞަތު ދިނުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އެކަހެރި ބައްދަލުވުން ދެވޭނީ ޝަރުޢީ ކައިވެންޏެއް ކޮށްފައިވާ ފަރާތްތަކަށެވެ.

އެކަހެރި ބައްދަލުވުން ދިނުމުގައި ޢަމަލުކުރަނީ ޤައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި ޢިނާޔާތްތަކާބެހޭ ގަވާއިދާއި އެ ގަވާއިދަށް އިސްލާހު ގެނައުމުގެ ގަވާއިދުގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ.

މިގޮތުން އެކަހެރި ބައްދަލުވުން ދެވޭނީ މަހަކު ދެ ފަހަރު، ކޮންމެ ފަހަރަކު 24 ގަޑިއިރަށެވެ.