Last Updated: April 24, 22:15
Wednesday, April 24, 2024
ޚަބަރު

ކޯޕަރޭޓް އީމެއިލުން ސޯޝަލް މީޑިއާ އެކައުންޓުތައް ނުހެދުމަށް އެދެފި

މުވައްޒިފުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތައް ރަޖިސްޓްރީ ކުރުމަށް ކޯޕަރޭޓް އީމެއިލް އެޑްރެސް ބޭނުން ނުކުރުމަށް ކޮމިއުނިކޭޝަން މިނިސްޓްރީން އެދިއްޖެއެވެ.

އެ މިނިސްޓްރީން މިކަމަށް އެދިފައިމިވަނީ ދައުލަތުގެ ބައެއް އިދާރާތަކުގެ އީމެއިލް އަދި ޕާސްވޯޑުތައް ލީކުވެގެން އުޅޭ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އެ މިނިސްޓްރީން ބުނީ ލީކުކޮށްފައިވާ އީމެއިލް އެކައުންޓްތަކަކީ ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުން، އެ މުވައްޒަފުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތައް ހެދުމަށްޓަކައި ބޭނުންކޮށްފައިވާ ކޯޕަރޭޓް އީމެއިލް އެކައުންޓްތަކެއް ކަމަށެވެ.

އެގޮތުން ސޯޝަލް މީޑިއާ ހިދުމަތްތަކުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވާ ފަހަރުތަކުގައި އެފަދަ އެކައުންޓްތަކުގެ އީމެއިލް އަދި ސޯޝަލް މީޑިއާ އެކައުންޓުގައި ބޭނުންކުރި ޕާސްވޯޑް އިންޓަނެޓްގައި ޕަބްލިޝްކުރާ ކަމަށާއި އެކަމުގެ ސަބަބުން ނަހަމަގޮތުގައި އެހެން ފަރާތްތަކަށް އެ އެކައުންޓުތައް ބޭނުންކުރުމުގެ ފުރުސަތު ހުޅުވި ފޫނުބެއްދޭވަރުގެ ގެއްލުންތައް މެދުވެރިވަ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން ވީހާވެސް އަވަހަށް ޕާސްވޯޑު ލީކުވެފައިވާ އެކައުންޓުތަކުގެ ޕާސްވޯޑުތައް ބަދަލުކޮށް، މުވައްޒަފުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތައް ރަޖިސްޓްރީ ކުރުމަށް ކޯޕަރޭޓް އީމެއިލް އެޑްރެސް ބޭނުން ނުކުރުމަށް މިނިސްޓްރީގެ ސާކިއުލާގައި އެދިފައިވެއެވެ.

މީގެ އިތުރުން އޮފީސްތަކުގައި ކޮމްޕިއުޓިން، އިންޓަނެޓް، އީމެއިލް އަދި މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ އުސޫލާ އެއްގޮތައް ރަސްމީ އީމެއިލް އެކައުންޓުތައް ގެންގުޅުމަށް އިދާރާތަކުގެ މުވައްޒަފުންނަށް އަންގަވައިދެއްވުމަށް ވެސް ސާކިއުލާގައިވެއެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ ނޭޝަނަލް ސެންޓަރު ފޮ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) އިން ހޯސްޓްކޮށްގެން ނޭޝަނަލް ޑޭޓާ ސެންޓަރުން ބަލަހައްޓަމުންދާ އެއްވެސް ސިސްޓަމެއް ކޮމްޕްރޮމައިޒް ނުވާ ކަމަށާއި ނަމަވެސް މި ދުވަސްވަރު ދައުލަތުގެ އިދާރާތަކުގެ ސިސްޓަމްތަކަށް ވަރަށް ގިނަ ސައިބާ އެޓޭކުތައް އަންނަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މިފަދަ ސައިބާ އެޓޭކުތަކުގެ ސަބަބުން، ސެކިއުރިޓީ ބަލިކަށިކޮށް ފަރުމާކުރެވިފައިވާ ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ ފުރުސަތު ބޮޑުކަން މިނިސްޓްރީން ފާހަގަކުރެއެވެ.

އެހެންކަމުން އެންސީއައިޓީއާ ގުޅިގެން އިދާރާއަކުން ބަލަހައްޓަމުންގެންދާ މުހިންމު ސިސްޓަމްތަކުގެ ސެކިއުރިޓީ އެސެސްމަންޓްތައް ހަދައި އިތުރަށް ސެކިއުރިޓީ ވަރުގަދަ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.