Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

އަދުހަމް ހެދީ ދޮގު، ކުށް ސާބިތުވާ ވަރަށް ހެކި އެބަހުރި: ފުލުހުން

އަދުހަމް މުހައްމަދު

ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ގާސިމް ހަސަން މަރާލި ކަމަށް ތުހުމަތު ކުރެވިފައިވާ އަދުހަމް މުހައްމަދު މިއަދު ކްރިމިނަލް ކޯޓުގައި ދެއްކި ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

މީގެކުރިން ގާސިމް މަރާލި ކަމަށް އަދުހަމް އިއުތިރާފް ވެފައިވީ ނަމަވެސް މިއަދު އޭނާ ވަނީ ކޯޓުގައި އެކަމަށް އިންކާރު ކުރާ ކަމަށް ބުނެފައެވެ.

އެގޮތުން އަދުހަމް ބުނީ މި މައްސަލައިގައި ބޭއްވި ފުރަތަމަ ބޭއްވި ޝަރީއަތުގައި އޭނާ ދައުވާއަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ. އަދި އޭނާ ބުނި ގޮތުގައި ފުލުހުން އޭނާ ކޯޓަށް ހާޒިރުކުރީ މަސްތުވާތަކެތި ދީގެންނެވެ. އަދި ފުލުހުންގެ އަމިއްލަ ހަރަދުގައި މަސްތުވާތަކެތި ގަނެގެން އެ ތަކެތި އޭނާއަށް ދީފައިވާ ކަމަށްވެސް އަދުހަމް ބުނެފައިވެއެވެ.

އަދުހަމްގެ މި ވާހަކަތަކާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ ގާސިމް މަރާލި މައްސަލާގައި އަދުހަމް ޝަރީއަތުގައި އިންކާރު ކުރި ނަމަވެސް އެ މައްސަލައިގައި އަދުހަމްގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް އެކަށީގެންވާ ހެއްކާއި ގަރީނާ އެބަހުރި ކަމަށެވެ.

އަދި އަދުހަމް އަށް ފުލުހުން މަސްތުވާތަކެތި ގަނެފައި ދިން ކަމަށް ބުނެ ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ.

ގާސިމް މަރާލީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. ގާސިމް މަރާލީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވަން ފެށުމުން، އޭނާ ހަޅޭއްލެވުން ނުހުއްޓުވިގެން ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގައާއި ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައިވެސް މީގެ ކުރިން އިއުތިރާފުވެފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މިފަދަ މައްސަލަތަކުގައި މަރަށް މަރު ހިފަން ވާރިސުން ބޭނުންވާ ނަމަ، އަންނާނީ މަރުގެ އަދަބެވެ. ނަމަވެސް ވާރިސުން އެކަން ބޭނުން ނުވާނަމަ، އަންނާނީ އުމުރަށް ޖަލަށްލުމުގެ ހުކުމެކެވެ.