Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ޑރ.ބިލާލް ރާއްޖެ ގެނައުން މަޑުޖައްސާލައިފި

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސް ރާއްޖެ ގެނައުން މަޑުޖައްސާލައިފި އެވެ.

ޔޫތް މިނިސްޓްރީގެ ދައުވަތަކަށް ޑރ.ބިލާލް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް ބިލާލް ރާއްޖެ ގެންނަން ނިންމާފައިވާކަން އިއުލާން ކުރުމާއެކު ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ.

ޑރ.ބިލާލް ރާއްޖެ ގެނައުމާ ދެކޮޅަށް އަޑުއުފުލި ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒު ފަހުމީ (އިންތި) ހިމެނެއެވެ.

އެކަމާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވީ އުފައްދަމުންދާ ސުވާލުތަކާ އަދި ކަންބޮޑުވުންތަކާ ގުޅިގެން ކަމާގުޅޭ އިތުރު ބައެއް އިދާރާތަކުގެ ލަފާ ހޯދުމަށް ޑރ.ބިލާލްގެ އިވެންޓު މަޑުޖައްސާލުމަށް ނިންމާފައިވާ ކަމަށެވެ.

ޑރ.ބިލާލް މީގެކުރިން ވެސް ވަނީ ރާއްޖެ ވަޑައިގެން ދަރުސްތަކެއް ދެއްވާފައެވެ. އަދި އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުކުރު ހުތުބާ ވެސް ދެއްވާފައެވެ.