Last Updated: April 16, 09:42
Tuesday, April 16, 2024
ޚަބަރު

ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއަށް ނުފޫޒެއް ނުފޯރުވާނެ: ރައީސް

ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއަށް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ދެއްވައިފިއެވެ.

ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ޙިމާޔަތްކޮށްދިނުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރައްވާ ބަޔަކީ ފަނޑިޔާރުން ކަމަށެވެ.

އެގޮތުން އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ކަމުގައިވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް، ޤާނޫނުއަސާސީގައި ސާފު ބަހުން ލިޔެފައި އޮންނަނީ، އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ދައުލަތް ހިންގުމުގެ ނިޒާމަށް ރައްޔިތުން ގެނައި ބޮޑު ބަދަލާއެކު، ފަނޑިޔާރުގެ އިޞްލާޙުކުރުމުގެ މަސައްކަތް ފަށައިގެން މިއުޅެނީ، ވަރަށް އިޚްލާޞްތެރި ތެދުވެރި ނިޔަތެއްގައި ކަމަށާއި އެއީ ރައްޔިތެއްގެ ކިތަންމެ ކުޑަ ޙައްޤެއް ބަޔަކު ނިގުޅައިގަތަސް، ފަނޑިޔާރުގެއިން އެ ޙައްޤެއް އަނބުރައި ހޯދައިދޭނެ ކަމުގެ، އިތުބާރާއި ޔަޤީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު ދައުލަތް ހިނގަމުން މި އަންނަނީ، ދައުލަތުގެ ތިން ބާރަށް ޤާނޫނުއަސާސީން ކަނޑައަޅައިދީފައިވާ އެންމެ ފުރިހަމަ މިނިވަންކަމުގެ ތެރޭގައި. ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް، އަޅުގަނޑުމެން ނުކުރަން. އަދި އިރާދަކުރެއްވިއްޔާ އެފަދަ ކަމެއް އަޅުގަނޑު ނުވެސްކުރާނަން" ރައީސް ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުންނަށް ވަޢުދުވީ، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް މަސައްކަތްކުރާ ފަނޑިޔާރުގެއެއް ޤާއިމުކޮށްދިނުމަށް ކަމަށާއި ސަރުކާރު ކުރިއަށް މިދަނީ އެ ވަޢުދުގެ މަތީގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ފަނޑިޔާރުގެ އިޞްލާޙު ކުރުމަށް، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވަނީ އަދިވެސް ކުރަން ހުރި ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށްވެސް ވިދާޅުވެފައެވެ.