Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ކޮވިޑް-19: މަރުވި މީހުންގެ އަދަދު 2000 އަށް އަރައިފި

ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި ކޮރޯނާ ވައިރަހުގައި މަރުވި މީހުންގެ އަދަދު 2000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނި ވެސް މި ބަލީގައި ވަނީ 136 މީހުން މަރުވެފައެވެ. މީގެތެރެއިން 132 މީހުން މަރުވެފައިވަނީ މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ހުބެއި ޕްރޮވިންސުންނެވެ.

މީގެއިތުރުން އިއްޔެ އެކަނި އިތުރު 1749 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

މި އަދަދުތަކާއެކު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2،009 އަށް އަރާފައެވެ. އަދި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 70،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާންކޮށްފައެވެ.

މި ބައްޔަށް ވެކްސިނެއް ތައްޔާރުކޮށް ބާޒާރަށް ނެރެވޭ ވަރު ވާނީ އަންނަ އަހަރުގެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ލަފާކޮށްފައެވެ.