Last Updated: April 25, 18:10
Thursday, April 25, 2024
ދުނިޔެ

ވައިރަހުގައި ހޮންކޮންގް އިން ދެވަނަ މީހަކު މަރުވެއްޖެ

ކޮރޯނާ ވައިރަސް ޖެހިގެން ހޮންކޮންގް އިން ދެވަނަ މީހަކު މަރުވެއްޖެއެވެ.

ހޮންކޮންގްގެ ޕްރިންސެސް މާގްރެޓް ހޮސްޕިޓަލުގެ ތަރުޖަމާނަކު ވިދާޅުވީ މި ބަލީގައި އެގައުމުން މަރުވެފައިވާ ދެވަނަ މީހަކީ އުމުރުން 70 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ބައްޔަށް އޭނާ ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މި ބަލީގައި ހޮންކޮންގް އިން އެންމެ ފުރަތަމަ މަރުވެފައިވަނީ އުމުރުން 39 އަހަރުގެ ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ކޮރޯނާ ވައިރަހުގައި މިހާތަނަށް ހޮންކޮންގް އިން ދެ މީހަކު މަރުވެފައިވާއިރު، މި ބައްޔަށް މިހާތަނަށް އެގައުމުން ވަނީ 62 މީހަކު ޕޮޒިޓިވް ވެފައެވެ.

ޗައިނާގެ ވޫހާން ސިޓީން އުފަންވި ކޮރޯނާ ވައިރަހުގައި މިހާތަނަށް ވަނީ 2،009 މީހަކު މަރުވެފައެވެ. މީގެތެރެއިން ގިނަ މީހުން މަރުވެފައިވަނީ ޗައިނާ އިންނެވެ. އަދި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 70،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާންކޮށްފައެވެ.