Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

ޑރ.ބިލާލް އަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ނޫން: ޝަހީމް

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ ބިލާލް ފިލިޕްސް އަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ނޫން، އެއީ އިލްމީ ބޭފުޅެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައިމިވަނީ ޔޫތް މިނިސްޓްރީގެ ދައުވަތަކަށް ޑރ.ބިލާލް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަން އިއުލާން ކުރުމާއެކު ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް އަޑުއުފުލަން ފެށުމުން ޑރ.ބިލާލް ރާއްޖެ ގެނައުން މަޑުޖައްސާލަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ޑރ.ބިލާލް ރާއްޖެ ގެނައުމާ ދެކޮޅަށް އަޑުއުފުލި ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒު ފަހުމީ (އިންތި) ހިމެނެއެވެ.

ޑރ.ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1972 ވަނަ އަހަރު ޑރ.ބިލާލް އިސްލާމް ދީނަށް ވަދެވަޑައިގެންނެވީ އޭނާގެ އެންމެ ޒުވާން އުމުރުގައި ކުރިސްޓިއަންއެއްގެ ގޮތުގައި ހުރުމަށް ފަހު އަމިއްލައަށް އިސްލާމް ދީން ދިރާސާ ކުރުމަށް ފަހުގައި ކަމަށެވެ. އަދި އެއަށް ފަހު ދުނިޔޭގެ އިރުމަށްޗާއި ހުޅަންގުން ތައުލީމް ހާސިލް ކުރައްވައިގެން އޭނާގެ މުޅި އުމުރު ހޭދަ ކުރެއްވީ އިސްލާމި އުއްމަތުގެ ޚިދުމަތުގައި ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން އެހެން ދީނެއް ގައި ހުރެ އިސްލާމް ދީނަށް ފާޑު ކިޔައި، ފަހުން އިސްލާމް ދީން ދެކެ ލޯބިވެ މަޖްބޫރު ކަމެއް ނެތި އިސްލާމް ދީން ޤަބޫލުކޮށް އިސްލާމީ އުއްމަތަށް ޚިދުމަތްކޮށް އުމުރުން މިހާރު 72 އަހަރު ވެފައިވާ އިސްލާމި މުފައްކިރު ޑރ ބިލާލްގެ ސަޚްސިއްޔަތު ކަތިލާ ބަޔަކަށް އަޅުގަނޑުމެން ނުވުމަށް ވެސް ޑރ ޝަހީމް ވަނީ އިލްތިމާސްކުރައްވާފައެވެ.

"ޑރ ބިލާލް އަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ނޫން. އަދި އެ ފިކުރަށް ތާއިދު ކުރައްވާ ބޭފުޅެއް ވެސް ނޫން. އެއީ އިލްމީ ބޭފުޅެއް. އެތަށް ބައިވަރު ފޮތެއް ލިޔުވާފައިވާ ބޭފުޅެއް. އެތައް ތައުލީމީ މުއައްސަސާއެއް އިސްލާމި އުންމަތުގައި އުފެއްދެވި ބޭފުޅެއް. އެއީ މަދީނާ ގެ އިސްލާމީ އުނިވަރސިޓީގެ ފަޚުރުވެރި ދަރިވަރެއް" ޝަހީމް ވިދާޅުވިއެވެ.

އަދި ރާއްޖެ އަނބުރާ ދެވޭ ދުވަހަކުން ޑރ ބިލާލްއަށް ރާއްޖެ އައުމަށް ދައުވަތު ދެއްވާނެ ކަމަށާއި އެކަން ހުއްޓުވޭނެ އެއްވެސް ފަރާތެއް ނުވާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.