Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދިނުން ހޯމަ ދުވަހު

އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް --

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދިނުން އަންނަ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ތާވަލުކޮށްފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބު ހުށަހެޅުމަށްޓަކައި އެކަން ތާވްލުކޮށްދިނުމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެދިވަޑައިގެންފައިވާ ކަމަށާއި އެގޮތުން އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް އެކަން ތާވަލުކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ދުވަހަކީ މައިނޯރިޓީ ލީޑަރުގެ ދުވަސް. އެ ދުވަހު ކިޔުއްވާނެ އެއްޗެއް ކިޔުއްވަން މަޖިލީސް އަޅުގަނޑު ހުޅުވާލާ ދުވަސް" ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމުގެ ގޮތުން އިދިކޮޅު ޕާޓީތަކުގެ މެންބަރުންގެ ބައްދަލުވުމެއް މިދިޔަ ހޯމަ ދުވަހު ވަނީ ބާއްވާފައެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބުދެއްވާނީ ރައީސުލް ޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެމްބަރުން ގިނަ ޕާޓީންނެވެ.