Last Updated: March 29, 17:22
Friday, March 29, 2024
ޚަބަރު

އައްޑޫގެ އެމްޑީޕީ ކެންޑިޑޭޓުން އީސީ އަށް ފޯމު ހުށަހަޅައިފި

ކުރިއަށް އޮތް މާލޭ ސިޓީ ކައުންސިލު އިންތިހާބުގައި އައްޑޫ ސިޓީއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ފަރާތްތައް އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅައިފި އެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫގެ މޭޔަރު އަދި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން އީސީއަށް ފޯމު ހުށަހަޅުއްވަން ވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައި ހުރިހާ ކެންޑިޑޭޓުން އެކުގައެވެ.

ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރުގެ އިތުރުން 12 ދާއިރާއަކަށް ކައުންސިލަރުން އިންތިހާބު ކުރަން ހަމަޖެހިފައިވެއެވެ.

އެގޮތުން އައްޑޫގެ މޭޔަރު ކަމުގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރުއެވެ. ނިޒާރު ޕްރައިމަރީ ކާމިޔާބު ކުރެއްވީ ޕްރައިމަރީގައި އައްޑޫގެ މިހާރުގެ މޭޔަރު އަބްދުﷲ ސޯދިގުގެ (ސޯބެ) މައްޗަށް ކުރި ހޯދައިގެންނެވެ.

އައްޑޫގެ އިތުރުން މާލޭ ސިޓީ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ފަރާތްތައް ވެސް ދާދިފަހުން ވަނީ އީސީ އަށް ފޯމު ހުށަހަޅާފައެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.