Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

މަޖިލީހަށް 444 ރުފިޔާ ދައްކަން އޭސީސީން ނަޝީދަށް އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅަކަށް ހަރަދު ކުރެއްވި 444 ރުފިޔާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދެއްކުމަށް ރައީސް ނަޝީދަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އަންގައިފިއެވެ.

އޭސީސީން މިގޮތަށް އަންގާފައިވަނީ ރައީސް ނަޝީދު އަމިއްލަފުޅު ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކުރައްވައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލީހުގެ ރަސްމީ މީޑިއާ ބޭނުންކޮށްގެން ކަވަރުކުރަމުންދާކަމަށް ބުނެ ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

އެގޮތުން އޭސީސީން ބުނީ ގއ ވިލިގިލީގައި ބޭއްވި ދެކުނު މަހާސިންތާ ނިންމަވާލެއްވުމަށްފަހު ނަޝީދު ފުވައްމުލަށް އަދި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވި ނަޝީދުގެ ހަށިފާރަވެެރިންނާއި އަދި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ދިއުމުގެ ޓިކެޓަށް ކޮންމެ މީހަކަށް 1333 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެދުވަސްވަރު ކޫއްޑޫއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގަކީ މީހަކަށް 1222 ކަމަށްވެސް އޭސީސީން ބުނެއެވެ.

އަދި މަހާސިންތާ ނިންމަވާލެއްވުމަށްފަހު މާލެ ދިއުމުގެ ބަދަލުގައި، މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރު ކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު، އެކަން ކޮމިޝަނަށް އެންގުމަށް މަޖިލީހުގެ އިދާރާ އަށް ވަނީ އަންގާފައެވެ.