Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

އީރާނުން ވެސް ކޮރޯނާ ވައިރަސް ފެނިއްޖެ

ޗައިނާގެ ވޫހާން ސިޓީން އުފަންވި ނުރައްކާތެރި ކޮރޯނާ ވައިރަސް އީރާނުން ވެސް ފެނިއްޖެއެވެ.

އިރާނުގެ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ދެ މީހަކު ކަމަށެވެ. ނަމަވެސް އެ މީހުން ނިސްބަތްވާ ގައުމެއް ހާމަކޮށްފައެއް ނުވެއެވެ.

މިިއީ އިރާނުން މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ދެ މީހުންނެވެ.

އެ ދެ މީހުންނަކީ މި ބައްޔަށް ޝައްކު ކުރެވިގެން އެކަހެރި ތަނެއްގައި ބައިތިއްބައިގެން ފަރުވާދެމުންދިޔަ ދެ މީހުން ކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އިތުރު މީހުންގެ ޓެސްޓުތައް ވެސް ލެބޯޓްރީ އަށް މިހާރު ފޮނުވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

"އެކަހެރިކޮށްގެން ފަރުވާދެމުންދިޔަ ދެ މީހެއްގެ ޓެސްޓުތަކުގެ ނަތީޖާ މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް މީގެ އިރުކޮޅެއް ކުރިން ވަނީ ދައްކާފައި" އިރާނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ކޮރޯނާ ވައިރަހުގައި މިހާތަނަށް 2000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ބަލި ގާތްގަނޑަކަށް 70،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ.