Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ޤައުމަށް ބޭނުންވަނީ އީޖާދީ އުފެއްދުންތެރި ޒުވާނުންތަކެއް: ރައީސް

ޤައުމަށް ބޭނުންވަނީ އީޖާދީ އުފެއްދުންތެރި ޒުވާނުންތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދ. ރިނބުދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ރަން ޔޫބީލް ފާހަގަކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔެ އަންނަނީ ހުރިހާ ދާއިރާތަކަކުންވެސް، ވަރަށް ބޮޑަށް ކުރިއަރަމުން، ވަރަށް ބޮޑަށް ބަދަލުވަމުން ކަމަށާއި އެހެންކަމުން މިއަދު އަޅުގަނޑުމެން ދަރިންނަށް ދޭންޖެހެނީ މިޒަމާނުގެ ތަޢުލީމު ކަމަށެވެ.

އަދި މިޒަމާނުގައި މަސައްކަތްތެރިކަމާއި ފަންނުވެރިކަންވެސް ކުރިއަރަމުން އަންނަނީ، ތަޢުލީމީ ފަލްސަފާގެ ތެރެއިން ކަމަށާއި އެގޮތުން ވަޑާންކުރުންވެސް، އޮޑިދޯނިފަހަރު ބަނުންވެސް، ގެދޮރު ޢިމާރާތް ކުރުންވެސް، މިއިން ކޮންމެ މަސައްކަތަކީ، ޢިލްމީ އެތައް ތިއަރީއެއްގެ މައްޗަށް ބިނާކޮށް، ތަރައްޤީކޮށްފައިވާ މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިއީ، ވަކި ގްރޭޑަކުން ދަރިފުޅު ސްކޫލުން ވަކިކޮށް، މަސައްކަތަށް ފޮނުވާ ޒަމާނެއް ނޫން. އަދި މިއީ މަސައްކަތެއް ދަސްކޮށްނުދީ، ހަމައެކަނި ސްކޫލްގެ ފިލާވަޅުތައް ހިތުދަސްކުރާ ޒަމާނެއްވެސް ނޫން. މިޒަމާނުގެ ތަޢުލީމަކީ، މަސައްކަތުގެ ހުނަރާ އެކުގައި އުނގެނޭ ތަޢުލީމެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ސްކޫލް މަރުޙަލާގެ އެންމެ މުހިންމު އެއްކަމަކީ، ދަރިވަރުންގެ ކިބައިގައި ހުންނަ ހުނަރާއި ފަންނުތައް ދެނެގަނެ، އެ ހުނަރާއި ފަންނުތައް އިތުރަށް ތަރައްޤީ ކުރެވޭނެ ގޮތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުން ކަމަށާއި ވަށައިޖެހޭ ތަޢުލީމެއްގެ މައިގަނޑު އަސާސަކީވެސް އެއީ ކަމަށެވެ.

އެހެންކަމުން މައިންބަފައިންވެސް، ދަރިންނަށް ކިޔަވައިދިނުމުގައި މި ކަންކަމަށް ސަމާލުކަން ދެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަން އެންމެ ބޮޑަށް ދެނެގަނެވޭނެ ބަޔަކީ، އެކުދިންގެ ބެލެނިވެރިންނާއި މުދައްރިސުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ޒަމާނީ ތަޢުލީމް އުނގެނި، އީޖާދީ އުފެއްދުންތެރިކަމަށް ވިސްނުން ހިންގާ، ހުނަރުވެރި ޖީލެއް ބިނާކުރުން ކަމަށާއި ސާނަވީއާއި މަތީ ސާނަވީ ތަޢުލީމުން މަތީ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ވަރަށް ގިނަ ޤައުމުތަކުގެ ޔުނިވަރސިޓީތަކުން ކިޔެވޭނެ ފުރުޞަތު ހަމަޖައްސައިދިނީ، މި މުހިންމު މަޤްޞަދު ޙާޞިލުކުރުމުގެ ބޭނުމުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ، މި މަދަރުސާގެ ދަރިވަރުންވެސް އަމާޒު ހިފަންވީ، ސްކޫލް މަރުޙަލާ ނިންމުމަށްފަހު، ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުން، މަތީ ތަޢުލީމް ޙާޞިލުކޮށް، ޤައުމުގެ ތަރައްޤީގައި ޢަމަލީގޮތުން ބައިވެރިވާނެ ޒުވާނަކަށްވުމަށް. ޤައުމު މިއަދު ބޭނުންވަނީ އީޖާދީ އުފެއްދުންތެރި ޒުވާނުންތަކަކަށް. އަދި މިރަށަށްވެސް އެފަދަ އެތައް ޒުވާނުންނެއް ބޭނުންވޭ" ރައީސް ވިދާޅުވިއެވެ.