Last Updated: March 29, 09:42
Friday, March 29, 2024
ޚަބަރު

އައްޑޫ ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ފަށައިފި

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން (އޭއީއެޗް) އިން ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށައިފިއެވެ.

އޭއީއެޗް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ހިދުމަތް މިއަދު ފަށާފައިވާއިރު އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޓެކްނިކަލް މުވައްޒަފުންނަށް ތަމްރީނު ދީފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުން އަންނަނީ ކާޑިއޯގެ ހިދުމާއި، އީއެންޓީ ހިދްމަތާއި، ދަތުގެ ފަރުވާގެ އިތުރުން މާބަނޑު މީހުންގެ ކްލިނިކާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި ސައިކެޓްރިކް އަދި އަލްޓްރާ ސައުންޑްގެ ހިދުމަތް ވެސް އަންނަނީ ދެމުންނެވެ.

މީގެ އިތުރުންވެސް އޯތޯ ސާޖަން އަދި ފިޒިއޯތެރަޕީގެ ހިދުމަތް ވެސް އަންނަނީ ދެމުންނެވެ.

އާ ހޮސްޕިޓަލުގައި ހިދުމަތްތައް ފެށި ނަމަވެސް އާއްމު ބަލިތަކާއި އޯޕީޑީގެ ބަލި މީހުން އަދި ދައްކަން ދާން ޖެހެނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. އަދި ބަލި މީހުން އެޑްމިޓް ކުރަމުން އަންނާނީވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެެވެ.

2012 ވަނަ އަހަރު 17 ވަނަ ސާކް ސަމިޓު ބޭއްވުމަށް ހިތަދޫގައި ހެދި ކޮންވެންޝަން ސެންޓަރު 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައެވެ.

އެލިއާ އާއި ހަވާލުކޮށްގެން 171 މިލިއަން ރުފިޔާއަށް އިމާރާތް ހޮސްޕިޓަލަކަށް ބަދަލުކޮށް ތަނަށް ބޭނުންވާ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތް މިއަދު މި ހޮސްޕިޓަލްގައި ވަނީ ގާއިމްކޮށްފައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ދެކުނުގެ 4 އަތޮޅުގެ ރައްޔިތުންނަށް ޒަމާނީ ބޭސްފަރުވާ ލިބޭނެ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ ހޮސްޕިޓަލެކެވެ.