Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

އިސްލާމިކް މިނިސްޓްރީގައި ނޫޅޭ ފަރާތެއްގެ ނަމުގައި 62،000 ރުފިޔާ ނެގި މައްސަލައެއް!

އިސްލާމިކް މިނިސްޓްރީގައި ނޫޅޭ ފަރާތެއްގެ ނަމުގައި 62،000 އަށް ވުރެ ގިނަ ރުފިޔާ މުސާރައިގެ ގޮތުގައި ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާންމު ކުރި، އިސްލާމިކް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން މިނިސްޓްރީގެ މުސާރަ އާއި ލިޔެކިޔުންތައް އޮޅުވާލައިގެން، މިނިސްޓްރީގައި އެއްވެސް އިރެއްގައި ނޫޅޭ ފަރާތެއްގެ ނަމުގައި 62،200 ރުފިޔާ މުސާރައިގެ ގޮތުގައި ނަގާފައިވާ ކަމަށެވެ.

އަދި މިނިސްޓްރީގެ މުސާރައިގެ މަސައްކަތް ކުރާ މުވައްޒަފަކު އެ ފަރާތަށް ހައްގުވާ އަދަދަށް ވުރެ އިތުރަށް 13،967 ރުފިޔާ ނަގާފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން، 8 މަސްދުވަހަށް ބަހާލައިގެން އޮޅުވާލައިގެން ނެގި ފައިސާ އާއި އަދި ހައްގުވާ އަދަދަށް ވުރެ އިތުރަށް ނެގި ފައިސާ އިސްލާމިކް މިނިސްޓްރީ އަށް ދެއްކުމަށް އެ މިނިސްޓްރީގެ މުވައްޒަފަކާއެކު އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކަމުން ނުދާ ކަމަށާއި އެގޮތުން އެ ފަރާތުން ދައްކަންޖެހޭ ކަމަށް އެއްބަސްވެފައިވާ ފައިސާގެ ތެރެއިން 41،360 ރުފިޔާ އޮޑިޓު ކުރި މުއްދަތުގެ ނިޔަލަށް މިނިސްޓްރީ އަށް ދައްކާފައި ނުވާ ކަމަށް ބުނެފައިވެއެވެ.

އަދި މިނިސްޓްރީ އަށް އެ މައްސަލަ ފާހަގަވުމުން، އެ މައްސަލަ އިތުރަށް ބަލައިދިނުމަށް އެދި ފިނޭންސް މިނިސްޓްރީ އަށާއި ސިވިލް ސާވިސް ކޮމިޝަނުގެ އިތުރުން ފުލުހުންގެ އިދާރާއަށް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ލިޔެކިޔުންތައް އޮޅުވާލައިގެން އިތުރުގަޑީގެ އެލަވަންސްތައް ނަގާފައިވުމުންނާއި، ބަންދު ދުވަހުގެ އެލަވަންސް ހައްގުނުވި ނަމަވެސް އެ އެލަވަންސް ނަގާފައިވުމުން، އެ މުވައްޒަފަށް މުސާރައިގެ ގޮތުގައި 9،997 އިތުރަށް ދެވިފައިވާ ކަމަށް އޮޑިޓަރުންގެ ހިސާބުތަކުން ދައްކާ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ފައިސާ ދެއްކުމަށް މިނިސްޓްރީ އާއި މުވައްޒަފާ ދެމެދު ވެފައިވާ އެއްބަސްވުމުގައި އެ ފައިސާގެ އަދަދު ހިމަނާފައިނުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތަށް ދިމާވެފައިވަނީ ލިޔެކިޔުންތައް އޮޅުވާލައިގެން ފައިސާ ނެގިކަން މިނިސްޓްރީ އަށް ފާހަގަވުމުން ވެސް އެ މުވައްޒަފުގެ މުސާރަ އަލުން ހިސާބުކޮށް މުވައްޒަފަށް ހައްގުވާ އަދަދު ކަށަވަރުކޮށްފައި ނުވުމުގެ ސަބަބުން ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.