Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ވައިރަހާ ގުޅިގެން ހަތް ގައުމަކަށް ދަތުރު ކުރުމުގައި ސަމާލުވާން އަންގައިފި

ކޮރޯނާ ވައިރަހާ ގުޅިގެން ހަތް ގައުމަކަށް ދަތުރު ކުރުމުގައި ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވައިރަހުގެ ހާލަތު އެ އެޖެންސީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އެގޮތުން ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި ޗައިނާ އަށް ދަތުރުކޮށްފައިނުވާ ފަރާތްތަކުގެ ކިބައިން ވެސް މި ބަލި ފެނި، އެ ގައުމުތަކުގައި ބަލި ފެތުރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހަތް ގައުމަކަށް ދަތުރުކުގައި ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެ ގައުމުތަކަކީ ޖަޕާން، ސިންގަޕޫރު، ހޮންކޮންގް، ސައުތު ކޮރެއާ، ތައިލެންޑް، އިރާން އަދި އިޓަލީއެވެ.

އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން އެ ގައުމުތަކުގައި މި ބަލި ފެތުރޭ މިންވަރާާއި ސަރަހައްދުތައް ދެނެގަތުމަށާއި، ރޯގާޖެހި ހުން އައިސްފައި ތިބޭ މީހުންގެ ކައިރީގައި ނޫޅުމަށާއި، ދަތުރުކުރުމަށްފަހު ރޯގާ ޖެހި، ކެއްސާ އަދި ހުން އައުންފަދަ އަލާމާތެއް ފެނިއްޖެނަމަ ގޭގައި މަޑުކުރުމަށާއި އަދި އިތުރަށް ގޯސްވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން އެޗްޕީއޭ އިން ވަނީ މިދުވަސްވަރު ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުބޭއްވުމަށް ވެސް އިލްތިމާސްކޮށްފައެވެ.