Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ކުރީގެ ބޯޑުން ދިން ޔަގީންކަން ދަމަހައްޓަން އާ ބޯޑުން އެއްބަސްވި: ޓީއެމްއޭ

އެއާޕޯޓުގައި ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް -- ފޮޓޯ / އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރަމުން އަންނަ ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން އެމްއޭސީއެލްގެ ކުރީގެ ބޯޑުން ދީފައި އޮތް "ކޮމިޓްމެންޓް" ރަނގަޅު ކަމަށާއި އެކަން ދަމަހައްޓާނެ ކަމަށް މި ސަރުކާރުން އެކުލަވާލި އެމްއޭސީއެލްގެ އާ ބޯޑުން ވެސް ބުނެފައިވާ ކަމަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) މިއަދު ބުނެފިއެވެ.

ޓީއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓާމިނަލް އިން ޖާގަ ދޫކުރާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވުނީ އެމްއޭސީއެލްގެ އޮތޮރައިޒްޑް މަންދޫބަކާއި، ޓީއެމްއޭގެ އޮފިޝަލުންނާއި ދެމެދުކަން އަދި ހަމައާއި އުސޫލުގެ ތެރެއިން "ގުޑް ފެއިތް" ގައި ކަމަށެވެ.

އެގޮތުން އާ ޓާމިނަލްއިން ޓީއެމްއޭއަށް ޖާގަ ދޫކުރެވޭނެ ޓާމްސްތައް ބަޔާންކޮށް އެމްއޭސީއެލް އިން ފޮނުވާފައިވާ ސިޓީތަކުގައި ސޮއިކޮށްފައިވަނީ ކުންފުނީގެ ޖެނެރަލް މެނޭޖަރު ކޮމާޝަލް، ހުސައިން ފަޒީލް ކަމަށާއި، އެ ސިޓީޓަކުގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެމްއޭސީއެލްގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު އާދިލް މޫސައާ ކުންފުނީގެ ބޯޑުން އެޕްރޫވް ކުރެވިފައިވާ ކަންކަންކަމުގައި، އޭރު ޓީއެމްއޭއަށް އެތައް ފަހަރެއްގެ މަތިން އެމްއޭސީއެލްއިން ޔަގީންކަން ދިން ކަމަށްވެސް ބުނެފައިވެއެވެ.

އަދި ފަޒީލް ސޮއިކޮށް ފޮނުވި ސިޓީތަކަކީ އެމްއޭސީލްގެ އޭރުގެ އެމްޑީ އާދިލް މޫސާ، އެޕްރޫވް ކޮށްގެން ފޮނުވި ސިޓީތަކެއްކަން އޭނާ މަޖިލީހުގެ ކޮމެޓީގައިވެސް ވިދާޅުވެފައިވާ ކަމަށްވެސް ޓީއެމްއޭއިން ބުނެއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވާލެވުނު އެމްއޭސީއެލްގެ އާ ބޯޑަށް، ރައީސް ޔާމީންގެ ދައުރުގައި އެމްއޭސީއެލް އިން ނިންމާފައިވާ ނިންމުންތައް ރިވިއުކުރަން ފުރުސަތު ލިބިމެ، އާ ބޯޑުން ވެސް އެތައް ފަހަރެއްގެ މަތިން، ޔަގީންކަން ދެމުން އައީ ކުރިން ވެވިފައިވާ ކޮމިޓްމެންޓުތައް ރަނގަޅު ކަމަށާއި އަދި އެ ކޮމިޓްމެންޓުތައް ފުއްދާދޭނެ ކަމަށެވެ" ޓީއެމްއޭއިން ބުނެއެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން ޓީއެމްއޭއިން ގުޑް ފެއިތްގައި އެމްއޭސީއެލްއާ ނެގޯޝިއޭޓްކޮށް ވެވުނު އެއްވަސްވުމަކީ ޓީއެމްއޭގެ ފުޅާވަމުން އަންނަ އޮޕަރޭޝަނަށް އެކަށޭނަ ޖާގައެއް ލިއްބައިދެނިވި އެއްބަސްވުމެއް ކަމަށެވެ. އަދި ޓީއެމްއޭއިން މިވަގުތުވެސް 80 ރިސޯޓަށް ރަނގަޅު ފެންވަރުގައި ހިދުމަތް ދެމުން އަންނަކަން ވެސް ފާހަގަކޮށްފައިވެއެވެ.

އަދި ސަރުކާރާ މަޝްވަރާކޮށްގެން، ޓީއެމްއޭއިން މަސައްކަތް ކުރާނީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތް ކުރިއަށް ގެންދެވޭނެ ފަދަ ހައްލެއް ހޯދުމަށް ކަމަށްވެސް ބުނެފައިވެއެވެ.

ސީޕްލޭން ޓާމިނަލްގެ މައްސަލަ ބޮޑުވެގެންދިޔައިރު މި ސަރުކާރުން މިހާރު ނިންމާފައިވަނީ އެމްއޭސީއެލް އިން ސީޕްލޭން ޓާމިނަލް އޮޕަރޭޓް ކުރާ ގޮތަށް ކުރިއަށް ގެންދިޔުމަށެވެ.

އެގޮތުން ދެ އަހަރުގެ މުއްދަތަކަށް 10.35 ޑޮލަރުގެ ރޭޓުން، ސީޕްލޭން ޓާމިނަލުން 6،400 އަކަމީޓަރުގެ ޖާގަ ޓީއެމްއޭ ދިނުމަށް ނިންމާފައިވާއިރު، މަންޓާ އެއާ އަށްވެސް އެތަނުން މިހާރު ބޭނުން ކުރަމުން އަންނަ ޖާގަ ހަމަ އެ އަދަދަށް ދިނުމަށް ވަނީ ނިންމާފައެވެ.

އަދި ޓީއެމްއޭއާއި މަންޓާއަށް ދޭ ސަރަހައްދުތައް ކަނޑައެޅުމަށްފަހު ބާކީ އޮންނަ ބައި އަލުން ޓެންޑާކޮށް ކުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.