Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފަނޑިޔާރު ޝުޖާއުގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ޖޭއެސްސީ އަށް

ފަނޑިޔާރު ސުޖާއު އުސްމާން - ފޮޓޯ: އަވަސް

ހައިކޯޓުގެ މުވައްޒަފަކަށް ކާވެނި ހުށަހަޅައި، ފުރައްސާރަކުރި ކަމުގެ ތުހުމަތު އެ ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް ކޮށްފިއެވެ.

މިކަމާ ގުޅިގެން ވަކި ފަރާތެއް ހާމަނުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސެއިން އަށް ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީއެއް "އައްޑޫލައިވް" އަށް ވަނީ ލިބިފައެވެ.

އެގޮތުން އެ ސިޓީގައި ބުނެފައިވަނީ ޝުޖާއު އުސްމާން ވަނީ، ހައިކޯޓުގައި މަސައްކަތްކުރި ލީގަލް އޮފިސަރެއްގެ (ނަން ސިއްރުކޮށްފައި) އަތުގައި ހިފައި، ފިރިމީހާ ކައިރިން ވަރިވެގެން، އޭނާއާ ކައިވެނި ކުރުމަށް ހުށަހަޅާފައި ކަމަށެވެ. އަދި ތަކުރާރުކޮށް އެކި ފަހަރުމަތިން މި މޭރުމުން މެސެޖުކޮށް ފުރައްސާރަކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ވާހަކަ ހައިކޯޓުގެ އެތައް މުވައްޒަފަކާއި އެ ފަރާތުން ހިއްސާކޮށްފައިވާ ކަމަށާއި ނަމަވެސް ކަމުގެ ލަދުވެތިކަމުންނާއި ވަޒީފާގެ ބިރަށް މިހާތަނަށް ވެސް އެ މައްސަލަ ކަމާބެހޭ އެއްވެސް ފަރާތަކަށް ހުށަހަޅާފައިނުވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ޝުޖާއު އުސްމާނުގެ މި އަމަލަކީ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދެވަނަ ބާބުގެ ތިންވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށާއި އަދި މިކަމުގެ ސީރިއަސްކަން ބޮޑުވަނީ ގާނޫނު އަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ވަރަށް ސާފު އިބާރާތުން ފަނޑިޔާރުންނަކީ، އަހުލާގު ރަނގަޅު ބަޔަކަށްވާން ވާނެ ކަމަށް ބުނެފައިވީއިރު، މި އަމަލަކީ ފަނޑިޔާރެއްގެ އިތުރުން ރާއްޖޭގެ ދެވަނަ އަށް އެންމެ މަތީ ކޯޓުގެ އިސް ފަނޑިޔާރުގެ އަމަލަކަށްވުން ކަމަށްވެސް ބުނެފައިވެއެވެ.

މި ސިޓީގައި ވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާއި، ގާނޫނު އަސާސީއާ، ފަނޑިޔާރުންގެ ގާނޫނު އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާ އަހުލާގީ މިންގަނޑުތަކާ، ޝުޖާއު އުސްމާން ހިލާފުވެފައިވާތީ އެކަން ބަލައި އަވަސް ފިޔަވަޅެއް އެޅުމަށް އެދިފައެވެ.

"ވަކި ފަރާތެއް ހާމަނުކޮށް މައްސަލަ ހުށަހަޅަނީ ވެސް ކަމުގެ ޒާތުން، މުވައްޒަފުންނަށް ކުރިމަތިވެދާނެ ފިއްތުންތަކާއި ވަޒީފާގެ ބިރަށްޓަކައެވެ" އެ ސިޓީގައި ބުނެފައިވެއެވެ.