Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

ޔާމީންގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ބާއްވަނީ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

އިސްތިއުނާފްގެ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ މާދަމާ މެންދުރު 13:00 ގައެވެ.

ޔާމީންގެ އިސްތިއުނާފްގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލުކުރިއިރު، އެމަނިކުފާނު މިވަގުތު އޮންނެވީ ޓެސްޓުތަކެއް ހެދުމަށް އައިޖީއެމްއެޗް ގައެވެ.

މީގެކުރިން ބޭއްވި އަޑުއެހުމެއްގައި ޔާމީން ވަނީ ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަންޖެހޭ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ ކަފާލާތުގެ ދަށުން މިނިވަންކޮށްދެއްވުމުގެ އަމުރަކަށް އެދިވަޑައިގެންފައެވެ. ނަމަވެސް ކޯޓުން އެފަދަ އަމުރެއް ދެއްވާފައެއް ނުވެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.