Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ފަރުވާއަށްފަހު ޔާމީން އަނބުރާ ޖަލަށް

ޔާމީން ދޫނިދޫ އަށް މީގެކުރިން ގެންދެވުން - ފޮޓޯ: މިހާރު

އައިޖީއެމްއެޗުގައި ފަރުވާދިނުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ކަރެކްޝަންސް އިން ބުނީ ޓެސްޓުތައް ހަދައި ނިމުމުން ޔާމީން ޖަލުން ދޫކޮށްލާފައިވަނީ އިއްޔެ ކަމަށެވެ. އަދި ޖަލުން ދޫކޮށްލުމާއެކު އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

ޔާމީން ހޮސްޕިޓަލުން ދޫކޮށްލެވިއިރު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ހައިކޯޓުގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެ އަޑުއެހުން އޮންނާނީ މާދަމާ މެންދުރު 1:00 ގައެވެ.

މީގެކުރިން ބޭއްވި އަޑުއެހުމެއްގައި ޔާމީން ވަނީ ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަންޖެހޭ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ ކަފާލާތުގެ ދަށުން މިނިވަންކޮށްދެއްވުމުގެ އަމުރަކަށް އެދިވަޑައިގެންފައެވެ. ނަމަވެސް ކޯޓުން އެފަދަ އަމުރެއް ދެއްވާފައެއް ނުވެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.