Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ސައިކަލަކާއި ގާޑިޔަލެއް ޖެހި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް

ފުވައްމުލަކު ސިޓީގެ މަންޒަރެއް މަތިން ނަގާފައި - ފޮޓޯ: ގޫގުލް

ފުވައްމުލަކު ދިގުވާޑު އަވަށުގެ ކްރިކެޓް ސްޓޭޑިއަމް ކައިރިން ސައިކަލަކާއި ގާޑިޔަލެއް ޖެހި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ އެ މިރޭ 7:05 ހާއިރު މި އެކްސިޑެންޓެއް ހިނގީ ސްޓޭޑިއަމް ކައިރިން އިރުން ހުޅަނގަށް ދުއްވާފައި އައި ސައިކަލެއް ގާޑިޔާ ހުރަސް ކުރަން އުޅުމުގެ ތެރޭގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 64 އަހަރުގެ ފިރިހެނެކެވެ. ސައިކަލުގެ ފަހަތުގައި 16 އަހަރުގެ އަންހެން ކުއްޖަކު ވެސް އިނެވެ. ގާޑިޔާ ދުއްވީ 32 އަހަރުގެ ފިރިހެނެކެވެ. ދެ ފިރިހެނުންނަށް އަނިޔާވި ނަމަވެސް ކުޑަ ކުއްޖާ އަށް މި އެކްސިޑެންޓުގައި އަނިޔާވެފައެއް ނުވެއެވެ.

އެގޮތުން މި އެކްސިޑެންޓުގައި ގާޑިޔަލުގައި އިން މީހާގެ ފަޔާއި އަތަށް އަދި ބޮލަށް އެކިވަރުގެ އަނިޔާވެފައިވާއިރު ސައިކަލުގައި އިން މީހާގެ ކޮނޑުކަށިގަނޑުގައި ރެނދުލައި އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އިތުރު ފަރުވާ އަށް މި ދެ މީހުން ވެސް މާލެ ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.