Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

ކޮވިޑް-19: އިއްޔެ އެކަނިވެސް 150 މަރު

ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި ކޮރޯނާ ވައިރަހުގައި އިއްޔެ އެކަނިވެސް 150 މީހުން މަރުވެއްޖެއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ މަރުވި 150 މީހުންގެ ތެރެއިން 149 މީހުން މަރުވެފައިވަނީ މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ހުބެއި ޕްރޮވިންސުންނެވެ.

މީގެއިތުރުން އިއްޔެ އެކަނި އިތުރު 409 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

މި އަދަދުތަކާއެކު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2،619 އަށް އަރާފައެވެ. މި ބަލީގައި ޗައިނާ އިން ބޭރުގައި ވެސް 27 މީހަކު މަރުވެފައިވެއެވެ. އަދި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 79،356 އަށް ވުރެ މައްޗަށް އަރާފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާންކޮށްފައެވެ.