Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެންޓި ކެމްޕޭން ކުރުމަކީ ޑިމޮކްރެސީގައި އޮންނަ ކަމެއް ނޫން: މުއިއްޒު

މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު، ފޮޓޯ: އަވަސް

އެންޓި ކެމްޕޭން ކުރުމަކީ ޑިމޮކްރެސީގައި އޮންނަ ކަމެއް ނޫން ކަމަށް މާލޭ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާފައިވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް އޭނާ ކުރިމަތިލާފައިވާތީ ދާދިފަހުން އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވެސް އޭނާއާ ދެކޮޅަށް އެންޓި ކެމްޕޭން ކޮށްފައިވާ ކަމަށާއި އަދިވެސް އެކަންތައް ހަމަ އެގޮތަށް ކުރިއަށްދާ ކަމަށެވެ.

"ފުރަތަމަ ކަމަކަށް އެއީ ޑިމޮކްރެސީގައި އޮންނަ ކަމެއް ނޫން. މި ބޭފުޅުންނަކީ (އެމްޑީޕީ)، މި ބޭފުޅުން ވިދާޅުވާ ގޮތުންނަމަ ޑިމޮކްރެސީގެ ޗެމްޕިއަނުން. ޑިމޮކްރެސީގައި އޮންނަނީ ކެމްޕޭން ކުރުން. ކެމްޕޭނުގައި ދެން ހުންނަ ވާދަވެރިޔާއާ އިދިކޮޅަށް ކެމްޕޭން ކުރުމަކީ ޑިމޮކްރެސީގެ ހަމަތަކުގައި ވެސް ބަލައިގަންނަ ކަމެއް ނޫން" މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން މުއިއްޒު ވަނީ އޭނާ ވަކި ރަށަކަށް ނިސްބަތްވުމުން މާލޭގެ ރައްޔިތުން އޭނާ އަށް ވޯޓެއް ނުދޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ވެސް މުއިއްޒު ރޭ ވަނީ ރައްދު ދީފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ އޭނާގެ ބައްޕަ އަކީ ހއ.ވަށަފަރަށް ނިސްބަތްވާ މީހެއް ކަމަށާއި އަދި މަންމަ އަކީ މާލެ އަށް ނިސްބަތްވާ މީހެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކޮންމެ މީހަކު ކޮންމެ ރަށަކުން އައި ނަމަވެސް އެމީހަކު ތަފާތު ވެގެންދަނީ ހެއްދެވި ފަރާތާއި އެމީހެއްގެ މައްޗަށް އޮންނަ ގުޅުމެއްގެ މައްޗަށް ކަމަށެވެ. އަދި އޭނާ އާއި އޭނާގެ އާއިލާގެ މީހުން ނިސްބަތްވާ ރަށް މުހިއްމު ނޫން ކަމަށާއި އަދި ދެރަކޮށްލުމުގެ ގޮތުން އެފަދަ ވާހަކަތަށް ދައްކާ ފަރާތްތަކަށް އެކަމުގެ ދެރަ ލިބޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ދައްކާ ވާހަކައަކާ ގުޅޭގޮތުން ރައްދެއް ދިނުމަކީ ހަމަ ކުރަންވީ ކަމެއް. އެހެނެއް ނޫން ހަދަ ހަދައިގެން، ހަގީގަތާ ހިލާފު ވާހަކަދެއްކުން ނުވަތަ އަބުރު ކަތިލުމަށްޓަކާ ވާހަކަ އުފެއްދުން، މިއީ އަޅުގަނޑަކަށް ގެއްލުން ވާނެ ކަމެއް ނޫން. މީގެއިން އަޅުގަނޑަށް ވާނީ ފައިދާ" މުއިއްޒު ވިދާޅުވިއެވެ.