Last Updated: April 16, 09:59
Tuesday, April 16, 2024
ޚަބަރު

ކޮމިޝަންތައް އުފެއްދީ ވަކި ބަޔަކަށް ވަޒީފާ ދޭންވެގެން

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ކޮމިޝަންތައް އުފެއްދީ ވަކި ބަޔަަކަށް ވަޒީފާ ދިނުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމުގެ ގޮތުން ރައީސް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުގެ މެމްބަރުކަމުން އާސް އަބްދުﷲ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެގޮތުން އާދަމް ޝަރީފް ވިދާޅުވީ ކޮމިޝަންތަކަކީ ވަކި ބަޔަކަށް ވަޒީފާ ދޭން އުފެއްދި ތަންތަން ކަމަށާއި އެސެޓް ރިކަވަރީ ކޮމިޝަނަށް ކަމެއް ނުކުރެވުނީ އަމިއްލަ މަސްލަހަތު އިސްކުރަންޖެހޭތީ ކަމަށެވެ. އަދި ސަރުކާރުގެ ކޮރަޕްޝަން ސިޔާސަތު ފެއިލްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ކޮމިޝަނުން އާސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ. އާސް ވަނީ އެފަދަ ކޮމިޝަނެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ރައީސް ސޯލިހު ދެއްވީތީ ޝުކުރު ދައްނަވާ ކަމަށްވެސް ވިދާޅުވެފައެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުން އާސް އިސްތިއުފާ ދެއްވުމުން މިހާރު އެ ކޮމިޝަނުގައި ތިއްބެވީ ކޮމިޝަންގެ ރައީސް އަހްމަދު އަސްހަދު އާއި ނަދީމް އިބްރާހީމާއި އައިޝަތު ހަނާ ވަހީދު އަދި ފާތިމަތު ސަރީރާ އަލީ ޝަރީފުއެވެ.